އަހަރަކު 4 ބިލިއަން ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަކުރަމުންދާއިރުވެސް، ދަރިވަރުންގެ ނަތީޖާތަކުގައި އެދެވޭ ކުރިއެރުންތަކެއް ފެންނަމުން ނުދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވުނު މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝަފީއު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާތަކަށް ބަލާއިރު ކަންބޮޑުވާންޖެހޭ ހާލަތެއްގައި ސާނަވީ ތައުލީމު އޮތްކަން ފާހަގަކުރެވޭ ކަމަށެވެ. 2013 އަދި 2014 ވަނަ އަހަރުގެ ނަތީޖާތަކަށް ބަލާއިރު، މުޅި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 އިންސައްތަވެސް 5 މާއްދާއިން ފާސްވެފައި ނުވާކަމަށާއި، 2023 އަދި 2024 ވަނަ އަހަރުގެ ނަތީޖާތަކުންވެސް މި ދަށް ފެންވަރު ފެންނަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ތައުލީމީ ދާއިރާއަށް ދައުލަތުން ކުރާ ބޮޑު ހޭދައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މުދައްރިސުން ގިނަ ގަޑިތަކެއް ކިޔަވައިދިނުމުގައި ހޭދަކޮށް، ބެލެނިވެރިންވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، ލިބެމުންދާ ނަތީޖާތައް އެކަށީގެންވާ ފެންވަރެއްގައި ނެތްކަމަށެވެ. އަދި މި ހާލަތު ބަދަލުކުރުމަށްޓަކައި، ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޯލެވެލް ނަތީޖާ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޕްރައިމަރީ ފެންވަރުގައިވެސް ދަރިވަރުންގެ ނަތީޖާ ދަށްވުން ކަމަށް ޑރ. ޝަފީއު ވިދާޅުވިއެވެ. ނެޝަނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްގެ ޑޭޓާތަކަށް ބެލުމުން، ކީ ސްޓޭޖް 1 އަދި 2 ގެ ފެންވަރުގައިވެސް ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ ގޮތެއްގައި ކުރިއަރަމުން ނުދާކަން ފާހަގަކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ހާލަތު ބަދަލުކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ