ދައުލަތުގެ މާލިއްޔަތު ރަނގަޅުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން މިއަހަރުގެ ޖޫން 12 ގެ ނިޔަލަށް ބަޖެޓުގެ ބެލެންސް 1.3 ބިލިއަން ރުފިޔާގެ ސަޕްލަސްއަކަށް އަރައިފިއެވެ. މިއީ ފާއިތުވި އަހަރުތަކުގައި ނަގާފައިވާ ދަރަނިތަކަށް 5.1 ބިލިއަން ރުފިޔާ އަދާކުރުމަށްފަހު ލިބިފައިވާ ނަތީޖާއެކެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ދަރަނި އަދާކުރުމަށް ހޭދަކުރި މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާއިން އިތުރުވެފައިވެއެވެ. ނަމަވެސް ދައުލަތުން ތަންފީޛުކުރާ ހަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކުގެ ސަބަބުން ބަޖެޓުގެ ޖުމްލަ ހަރަދު 8.7 ޕަސެންޓް ދަށްވެ، 20.6 ބިލިއަން ރުފިޔާއަށް ތިރިވެފައިވެއެވެ.
ދައުލަތުގެ ރިކަރަންޓް ޚަރަދު 5.3 ޕަސެންޓް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު 72.1 ޕަސެންޓް ދަށްވެފައިވެއެވެ. އިދާރީ އަދި ހިންގުމުގެ ޚަރަދުތަކުގެ ތެރެއިން ތަކެތި ހޯދުމުގެ ހަރަދު 71.5 ޕަސެންޓް ދަށްވެފައިވާއިރު، ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ 17.2 ޕަސެންޓް ކުޑަވެފައިވެއެވެ.
އާމްދަނީގެ ފަރާތުން ރަނގަޅު ކުރިއެރުންތަކެއް ފެނިފައިވެއެވެ. ދައުލަތަށް ޖޫން 12 ގެ ނިޔަލަށް 17 ބިލިއަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 6.0 ޕަސެންޓުގެ އިތުރުވުމެކެވެ. ޓެކުހުގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކުހުގެ އާމްދަނީ 88.5 ޕަސެންޓް އިތުރުވެފައިވެއެވެ.
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ޕަސެންޓް އިތުރުވެ އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އައުމާ ގުޅިގެން އެއާޕޯޓް ސާވިސް ޗާޖު 46.9 ޕަސެންޓް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ 44.5 ޕަސެންޓް އިތުރުވެފައިވެއެވެ. އާމްދަނީގެ މި އިތުރުވުމާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 42.9 ޕަސެންޓް އިތުރުވެފައިވެއެވެ.
މި ނަތީޖާތަކުން ދައްކައިދެނީ ދައުލަތުގެ މާލިއްޔަތު ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތަކުން އެދެވޭ ނަތީޖާ ލިބެމުންދާކަމެވެ. ދަރަނި އަދާކުރުމަށް ބޮޑު އަދަދެއް ހޭދަކުރަންޖެހުނު ނަމަވެސް، ހަރަދު ކޮންޓްރޯލްކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސަބަބުން ބަޖެޓު ސަޕްލަސްއަކަށް ބަދަލުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ