މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި ބޮޑު އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު މެލޭޝިއާގެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ. ނަމަވެސް ފުލުހުންނާއި ރިޔާސީ ކޮމިޝަނަށް ބަޔާން ދެވޭވަރަށް އޭނާގެ ސިއްހީ ހާލަތު ރަނގަޅުނުވާ ކަމަށް އާއިލާއިން ބުނެއެވެ.
މިދިޔަ އޭޕްރީލް 18 ގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅަށް ވެއްޓި ޔުމްނަށް ފުރަތަމަ އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، ބޮޑެތި އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް މެލޭޝިއާ ގެންގޮސްފައިވެއެވެ. ހަފުތާއެއް ކުރިން ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް، އުޅަނބޮއްޓަށް ދާއިމީ ގެއްލުމެއް ލިބި، ސިކުނޑިއަށް ލިބުނު އަނިޔާތައް ވެސް ފުރިހަމައަށް ރަނގަޅުވެފައި ނުވާ ކަމަށް އާއިލާއިން މަޢުލޫމާތު ދިނެވެ.
އާއިލާގެ ފަރާތުން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ޔުމްނު މިހާރު އެނދުމަތިވެފައި އޮތް ނަމަވެސް އޮތީ ވާހަކަ ދެއްކޭ ހާލަތުގައެވެ. އެހެންނަމަވެސް ބްރެއިން ސެއިޒާ އެޕިސޯޑުތައް އަދިވެސް އަންނަ ކަމަށް އާއިލާއިން ބުންޏެވެ.
މައްސަލައިގެ ތަހުގީގު ކުރަމުންދާ ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ގިނަ ފަހަރު މަތިން ޔުމްނުގެ ބަޔާން ނެގުމަށް އެދިފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ސިއްހީ ހާލަތު ހުރިގޮތުން ބަޔާން ދެވޭވަރަށް ފިޓް ނޫން ކަމަށް ބުނެ ޑޮކްޓަރުން ދޫކުރި މެޑިކަލް ލިޔުމެއް އެ ދެ އިދާރާއަށް ވަނީ ފޮނުވިފައެވެ.
އާއްމުންނާއި އެންސްޕާގެ ފަރާތުން ކުރިން ލިބުނު އެހީގެ ފައިސާ ހުސްވެފައިވާތީ، އިތުރު ފަންޑް ހަމަޖެހޭތޯ ބަލަމުން އާއިލާއިން ދާ ކަމަށާއި، ފައިސާ ލިބުނުހާ އަވަހަކަށް ފިޒިއޮތެރަޕީ ފަދަ ބޭނުންވާ ފަރުވާތައް ފެށުމަށް ރާވާފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.
މި މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދި ކޮމިޝަނުން މިއަދު ތަހުގީގު ރިޕޯޓު ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅިއެވެ. މި ރިޕޯޓު އެއްވެސް ސެންސަރެއް ނުކޮށް އާއްމުކުރުމަށް ނިންމާފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.
ކޮމެންޓު ފޮނުވާ