ޔުމްނު ވެއްޓުނު ހާދިސާގެ މިނިވަން ތަހްގީގު ނިމި ރައީސަށް ރިޕޯޓު ހުށަހަޅައިފި

ޔުމްނު ވެއްޓުނު ހާދިސާގެ މިނިވަން ތަހްގީގު ނިމި ރައީސަށް ރިޕޯޓު ހުށަހަޅައިފި

Author
ހުސައިން
17 ޖޫން 2025 01:14
0

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާއި ގުޅޭ މިނިވަން ތަހްގީގެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޝަންގެ މަސައްކަތް ނިމި، ރިޕޯޓު މިއަދު ރައީސަށް ހުށަހަޅާފައިވާކަމަށް ކޮމިޝަނުން ހާމަކޮށްފިއެވެ.

ކޮމިޝަނުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކޮމިޝަނާ ހަވާލުކުރެވުނު މަސައްކަތް ފުރިހަމަކޮށް ނިންމައި، ތައްޔާރުކުރި ރިޕޯޓު ރައީސް އޮފީހަށް މިއަދު ހުށަހަޅާފައިވާކަމަށެވެ. އެހެންނަމަވެސް، ރިޕޯޓުގައި ހިމެނޭ ނަތީޖާތަކާއި ތަފްސީލުތައް އަދި އާންމުކޮށްފައެއް ނުވެއެވެ.

އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ރައީސް އުފެއްދެވި މި ކޮމިޝަން އެކުލަވާލެއްވީ، ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހްގީގުގެ ސައްހަކަމާ މެދު އާންމުންގެ ތެރޭގައި ސުވާލުތައް އުފެދެމުން ދިޔަ ދަނޑިވަޅެއްގައެވެ. ކޮމިޝަނުން ވަނީ ހާދިސާ ހިނގި ތަނާއި ކަމާ ގުޅުންހުރި އެހެނިހެން ތަންތަނަށް ޒިޔާރަތްކޮށް، ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ހޯދާފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި މިހާރު ބަންދުގައި ތިބި ރައުދު އަހްމަދު ޒިލާލާ ވެސް ކޮމިޝަނުން ސުވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ރައުދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެކެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވޭނެއެވެ.

ޔުމްނު ވެއްޓުނު މި ހާދިސާއަކީ އާންމުންގެ ތެރޭގައި ބޮޑު ކަންބޮޑުވުމެއް އުފެދުނު ހާދިސާއެއް ކަމުން، ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ ނަތީޖާތައް އާންމުކުރުމަށް ގިނަ ފަރާތްތަކުން އެދެމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.