ވިޔަފާރިތަކުން ވިއްކާ މުދަލާއި ޚިދުމަތަށް ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަންޖެހޭ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައިވެއެވެ. މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.
ޖީއެސްޓީ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުން، އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޓެކްސް ދައްކަން ޖެހެއެވެ. މިއީ މުދަލަށް ނުވަތަ ޚިދުމަތަށް ފައިސާ ލިބުނަސް ނުލިބުނަސް ދައްކަންޖެހޭ އެއްޗެކެވެ. މި ހާލަތުގައި ގިނަ ކުދި ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
ނިއުޝާދު ހުށަހެޅި ގަރާރުގައި ފާހަގަކުރައްވާފައިވަނީ، ކުދި ވިޔަފާރިތަކަށް އިންވޮއިސްތަކަށް ފައިސާ ނުލިބެނީސް ޓެކްސް ނުދެއްކޭނެ ކަމަށެވެ. މިފަދަ ހާލަތުގައި ޓެކްސް ނުދައްކާ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތައް ހަވާލުނުކުރުމަކީ އެ ވިޔަފާރިތަކާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމުގައި ގަރާރުގައި ބުނެފައިވެއެވެ.
މުދަލެއް ނުވަތަ ޚިދުމަތެއް ވިކޭ ވަގުތަކީ ވިއްކާ ފަރާތަށް ކޮންޓްރޯލް ކުރެވޭ ކަމެއް ނޫން ކަމަށާއި، ވަކި ވަގުތެއްގައި ޓެކްސް ދައްކަން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މި މައްސަލައިގެ ސަބަބުން އިގްތިސާދު ހީނަރުވެ، ވަޒީފާތައް ގެއްލި، ގިނަ މީހުންގެ ދިރިއުޅުމަށް ދަތިވެދާނެ ކަމަށްވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
މި ގަރާރު މާދަމާ އޮންނަ މަޖިލިސް ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާއިރު، ސަރުކާރުގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކުންވެސް ފައިސާ ނުލިބި ޓެކްސް ދައްކަން ޖެހުމުގެ މައްސަލަ ތަކުރާރުކޮށް ފާޅުކުރަމުން އަންނަ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ. މި މައްސަލައަކީ ވިޔަފާރި ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި ގިނަ ފަރާތްތަކުން ދެކެއެވެ.
ކޮމެންޓު ފޮނުވާ