ބްރޯޑްކޮމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ބްރޯޑްކޮމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

Author
ހުސައިން
16 ޖޫން 2025 12:58
0

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޒަމްއަތު އަހުމަދު ވަހީދު އައްޔަންކުރުމަށް ރުހުން ދީފައެވެ. މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވި 54 މެންބަރުން ވަނީ ޒަމްއަތު އެ މަގާމަށް އައްޔަންކުރުމަށް ތާއީދުކޮށް ވޯޓު ދީފައެވެ. އެ މަގާމަށް އޭނާ އައްޔަންކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމުތަކަށް މީހުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި 6 ނަމެއް މަޖިލީހަށް ފޮނުވާފައެވެ. އެ ލިސްޓުގައި އެންމެ އިސްކޮށް ހިމަނާފައިވަނީ ޒަމްއަތުގެ ނަމެވެ.

ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް މިދިޔަ މުއްދަތުގެ ތެރޭގައި ދެ ފަހަރު މަތިން އިޢުލާން ކޮށްފައިވާއިރު، ފުރަތަމަ އިޢުލާނަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަޖިލީހުގެ ކޮމިޓީން އެންމެ މަތިން ޕޮއިންޓް ލިބުނީ ޕީއެސްއެމްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރަށް ކަމުގައިވިޔަސް، މަޖިލީހުން ރުހުން ލިބުނީ ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟްވާނަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސާ ރިޟްވާން ކޮމިޝަނަށް އައްޔަންކުރައްވާފައެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބްރޯޑްކޮމަށް އައްޔަންކުރުމަށް އިތުރު 6 ނަމެއް އެކުލެވޭ ލިސްޓެއް މަޖިލީހަށް ފޮނުވާފައެވެ. މިއީ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މުއްދަތު އިއްޔެ ނިމުމާ ގުޅިގެންނެވެ.

ރައީސް ފޮނުވި ލިސްޓުގައި ޒަމްއަތުގެ އިތުރުން ހިމެނެނީ އިބްރާހިމް އަޝްރަފް، މޫސާ ރިލްވާން، ޒީނާ ޒާހިރު، އަލީ ޔޫސުފް އަދި ޝިމްލާ އަހުމަދެވެ.

ޒަމްއަތު އަހުމަދު ވަހީދަކީ ދިގު މުއްދަތަކަށް ޕަބްލިކް ސާވިސް މީޑިއާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަމިއްލަ މީޑިއާތަކުގައި ވެސް މަސައްކަތްކުރައްވާފައިވާ އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. މިހާރު އޭނާ އަދާކުރައްވަނީ އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.