ފަނޑިޔާރަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 49 އަހަރުގެ މީހަކު ކްރިމިނަލް ކޯޓުން ޝަރުތުތަކާއެކު ދޫކޮށްލާއިފިއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުން އެނގޭ ގޮތުގައި، މި މީހާއަކީ މީގެ ކުރިން ވެސް އެ ފަނޑިޔާރަށް ހަމަލާދީފައިވާ މީހެކެވެ. މިއީ އޭނާ އެ ފަނޑިޔާރަށް ހަމަލާދިން ދެވަނަ ފަހަރު ކަމަށް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ފަނޑިޔާރުގެ ބަޔާނާއި، ހާދިސާ ހިނގި ތަނުގެ ސީސީޓީވީ ފުޓޭޖްތައް ހިމެނެއެވެ. މި ހެކިތަކާއި ގަރީނާތަކަކީ ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދަޢުވާ ސާބިތުކުރެވޭ މިންވަރުގެ ހެކި ކަމަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވެއެވެ.
ތުހުމަތުކުރެވޭ މީހާގެ ބަންދު މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު، ކޯޓުން ނިންމީ އޭނާ ވަކި ޝަރުތުތަކެއްގެ މަތިން ދޫކޮށްލުމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ކޮބައިކަން ސާފެއް ނުވެއެވެ.
މި ހާދިސާގައި ހަމަލާގެ ޝިކާރައަކަށްވި ފަނޑިޔާރަކީ ކާކުކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ދެ ފަހަރުގެ ހަމަލާތައް ދިން ސަބަބާއި، މި ހާދިސާތައް ހިނގި ތާރީޚްތަކާ ބެހޭ ތަފްސީލެއް ވެސް ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ