މާލޭގައި ސައިކަލެއް ވަގަށްނަގައިގެން ދުއްވަމުން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހާގެ އަތުން ވަގަށް ނަގާފައިވާ ފޯނުތަކާއި އެހެނިހެން ސާމާނު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރެވުނީ ރ. އަލިފުށީ ހަބީބީހެޕް، އުމުރުން 39 އަހަރުގެ އިސްމާޢީލް ސާއިފްއެވެ. މިދިޔަ ހުކުރު ދުވަހު މާލެތެރޭގައި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް މި މީހާގެ ހަރަކާތްތައް ޝައްކުކުރެވިގެން ހުއްޓުވާލުމުން، އޭނާ އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައިވާކަން ފާހަގަކުރެވުނެވެ.
ތަހުގީގުކޮށް ބެލިބެލުމުން އެ ސައިކަލަކީ ވަގަށް ނަގާފައިވާ އެއްޗެއްކަން ސާބިތުވިއެވެ. މީގެ އިތުރުން، އޭނާ ބަލައިފާސްކުރުމުން ފޯނުތަކެއް ފެނުނެވެ. ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި މި ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި ބަނދަރުކޮށްފައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެކެވެ.
ސައިކަލުގެ މަޑިދަށުން ވެސް އިތުރު މުދާ ފެނިފައިވެއެވެ. އޭގެ ތެރޭގައި ގްރިޑަރަކާއި ސޭންޑަރެއް ހިމެނޭ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ. މިހާރު މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ބުންޏެވެ.
މިއީ މި ހަފްތާގައި ސައިކަލު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރެވުނު ދެވަނަ މީހާއެވެ. މިދިޔަ އާދިއްތަ ދުވަހު ވެސް އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވެއެވެ.
މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، މިދިޔަ މަހު އެކަނިވެސް 310 ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހެޅިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް މިއީ ފާއިތުވި އަހަރުގެ މޭ މަހާ އަޅާބަލާއިރު މަދު އަދަދެކެވެ.
ކޮމެންޓު ފޮނުވާ