ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުން މުހިންމު: ޒަމީރު

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުން މުހިންމު: ޒަމީރު

Author
ހުސައިން
14 ޖޫން 2025 09:49
0

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހަރުދަނާކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މުހިންމުކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާކަން ވެސް އޭނާ ވިދާޅުވި އެވެ.

ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގައި މިރޭ ބޭއްވުނު ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ ދުނިޔޭގެ ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގައި މި ދާއިރާގެ ޕްރޮފެޝަނަލުންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

"ފަތުރުވެރިކަމަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ މައިގަނޑު ބިންގާ. ނަމަވެސް މި ސިނާއަތު ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މީހުންގެ މުހިންމުކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ސަރުކާރުން ފަތުރުވެރިކަމަށް ބަލާ ގޮތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ފާހަގަކުރެއްވީ، މިއީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނޫން ކަމަށާއި، ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކުގައި ކޮންމެ ދުވަހަކު ގެސްޓުންނަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ މައްޗަށް ބިނާވެފައިވާ އިންސާނީ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންފްރާސްޓްރަކްޗާ އާއި ޑިޒައިން މުހިންމު ނަމަވެސް، މެހެމާނުންނަށް ލިބޭ ތަޖުރިބާ ހަގީގަތުގައި ކަނޑައަޅަނީ މުވައްޒަފުންގެ ހުނަރާއި، ސަގާފަތާއި، ލީޑަޝިޕް ކަމަށެވެ. ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް މި ދާއިރާގައި ދިގު މުއްދަތުގެ ވަޒީފާތައް އަދާކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތުތައް އަމާޒުކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަކީ ޕްރޮފެޝަނަލް، ފައިދާހުރި އަދި ފުރުސަތުތަކުން ފުރިގެންވާ ވަޒީފާތަކެއްކަން ކަށަވަރުކުރުމަށް. ނަމަވެސް މިކަން އަޅުގަނޑުމެންނަށް އެކަނި ނުކުރެވޭނެ. އަޅުގަނޑުމެންނަށް ބޭނުންވަނީ ތަމްރީނު، މެންޓަޝިޕް އަދި މަސައްކަތުގެ ރަނގަޅު މާހައުލުތަކަށް ކުރާ އިންވެސްޓްމަންޓް،" މިނިސްޓަރު ވިދާޅުވި އެވެ.

ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށް ޒަމީރު ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްމަންޓާއި އާ ގޮތްތަކަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދައުލަތުގެ މާލިއްޔަތާއި އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމާއެކު، އަމިއްލަ ވިޔަފާރިތައް، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާކަން ޔަގީންކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025 އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން ދޭ އެވޯޑެކެވެ. މި އަހަރުގެ އެވޯޑަށް 450އަށް ވުރެ ގިނަ ފަރާތުގެ ހުށަހެޅުން ލިބިފައިވާ އިރު، 6 މެންބަރުންގެ ފަނޑިޔާރުންގެ ޕެނަލަކުން މި ހުށަހެޅުންތައް ވަޒަންކޮށް މާކްސް ދީފައިވެ އެވެ.

އެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅިފައިވަނީ ފަނޑިޔާރުންގެ މާކްސްގެ 60 ޕަސަންޓާއި، 25 މާޗުން 25 އޭޕްރީލްގެ ނިޔަލަށް ކުރިއަށްގެންދިޔަ އާންމު ވޯޓުގެ 40 ޕަސަންޓް ހިމެނޭ ގޮތަށެވެ. މި އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަންކޮށް، އެ މީހުންގެ ޚިދުމަތްތަކަށް ދޭ ހަމައެކަނި އެވޯޑެވެ.

ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) ގެ ޓައިޓަލް ސްޕޮންސަރުގެ ދަށުން ބޭއްވުނު މި ހަފްލާގައި ދިރާގު، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ، އެލިއާ އިންވެސްޓްމަންޓްސް، މެޓަލްސައިންސް، ސްޓޯމް އިވެންޓްސް/ތިންކް މޯލްޑިވްސް، މޯލްޑިވްސް ޓީވީ، މޯލްޑިވްސް އިންސައިޑާ، އޫފީ، އިކިބާނާ މޯލްޑިވްސް އަދި ލައިޓްސްއައުޓް ސްޓޫޑިއޯސް އިން ސްޕޮންސަރކޮށް އަދި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.