މަޝްހޫރު އެކްޓްރެސް ކަންގަނާ ރެނާވަތުގެ މިފަހަރުގެ ޓާގެޓަކަށްވެފައިވަނީ އެކްޓްރެސް އުރްމިލާ މަތޯޑްކަރެވެ. އުރްމިލާ ޝިވް ސޭނާ އާއި ގުޅުނުތާ މަހެއްހާ ދުވަސްފަހުން، 3 ކަރޯރް ރުޕީސްއަށް މުމްބާއީގެ އޮފީހެއްގަތްކަމަށް ލިޔެފައިވާ ރިޕޯޓަށް ކަންގަނާ ވަނީ ރިއެކްޓްކޮށްފަ އެވެ.
މި ރިޕޯޓަށް ފާޑުކިޔައި ކަންގަނާ ހިއްސާކޮށްފައިވާ ވީޑިއޯގައި ބުނެފައިވަނީ އޭނާގެ އަމިއްލަ މަސައްކަތުން ހަދާފައިވާ ގެ ތަކުން އެއްވެސް ފައިދާއެއްނުވިކަމަށާއި ބީޖޭޕީއަށްކޮށްދިން ކަންކަމަށް ފަހު ކަންގަނާއަށް ލިބުނީ ހަމައެކަނި 25 ނުވަތަ 30 ކޯޓްކޭސްކަމަށެވެ. އަދި އުރްމިލާ ފަދައިން ބޯ ބޮޑުނަމަ އޭނާއަށްވެސް މިހާރު އެތައްކަމެއް ކުރެވިދާނެކަމަށްވެސް ވީޑިއޯގައި ބުނެފައިވެއެވެ.
އުރްމިލާއާއި ކަންގަނާގެ މި ކޯޅުން ފެށިފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރ މަހު ކަންގަނާ މުމްބާއީ އާއި ޕާކިސްތާނާ އަޅާކިޔުމުން، ފުރަތަމަ އެމީހެއްގެ ޤައުމުގައި ކަންތައްހުރިގޮތް ބަލާފައި އެހެންމީހުންގެ ޤައުމަށް އިނގިލި ދިއްކުރުމަށް އުރްމިލާ ބުނުމުންނެވެ.
އަދި އުރްމިލާ ވަނީ ކަންގަނާއަށް ޑްރަގު އުފެއްދީ ހިމާޗަލްގައި ކަން ނޭނގޭތޯވެސް އަހާފައެވެ. އެ ވާހަކައަށް ރައްދުދެމުން ކަންގަނާ ބުނެފައިވަނީ އުރްމިލާއަކީ ގައިގޯޅި ފިލްމުތައް ކުޅޭ ސްޓާރެއްކަމަށް ބުނެފައެވެ. ކަންގަނާގެ މި ކޮމެންޓަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް ލިބުނު ނަމަވެސް އުރްމިލާވަނީ ފަހުން ކަންގަނާ ގާތު މާފަށް އެދިފައެވެ.
ޑިސެމްބަރުމަހު އުރްމިލާ ޝިވް ސޭނާ ޕާޓީއާ ގުޅެމުން، ކަންގަނާއަށް އެއްވެސް އެއްޗެއް އޮޅުން ފިލުވައިދޭން ބޭނުމެއް ނުވާކަމަށާއި ކަންގަނާއާއި ވަރަށް ވާހަކަ ދެއްކިއްޖެކަމަށް ވަނީ ބުނެފައެވެ. އަދި އެންމެނަށްވެސް އެމީހެއްގެ ކަންކަމުގައި މިނިވަންކަން އޮންނާނެކަމަށާއި ކުރިންވެސް ކަންގާނާއާ ދިމާއަށް އެއްޗެކޭ ނުބުނެވުނުނަމަ މާ ރަނގަޅުވީސް ކަމަށް ވަނީ އިންޓަވިއުއެއްގައި ބުނެފައެވެ.
އުރުމިލާ އަކީ ފިލްމީ ތަރިއެއްގެ އިތުރުން އިންޑިއާގެ ސިޔާސީ ޝަހްސިއްޔަތެއް ވެސް މެއެވެ. އެގޮތުން އޭނާ 2019 ވަނަ އަހަރު އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބުގައި ވާދަކޮށް ނާކާމިޔާބު ވެފައި ވެއެވެ.