ރާއްޖޭގައި ފެނުނު އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިން ނިމިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވްވި މީހާއާ ބައްދަލުވި އެއްވެސް މީހެއްގެ ގައިން އެ ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށާއި، އިތުރު ކޭސްއެއް ރިޕޯޓުކޮށްފައި ނުވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
މިމަހުގެ 7 ވަނަ ދުވަހު، އުމުރުން 24 އަހަރުގެ ދިވެހި ޒުވާނަކު މި ބަލިން މަރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފަށައި، އެ މީހާއާ ގުޅުން ހުރި ފަރާތްތައް ހޯދައި ބަލާ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ.
އިންވޭސިވް މެނިންގޯކޮކަލް އަކީ ބެކްޓީރިއާއަކުން ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައި އަލާމާތްތައް ފެންނަން ފަށައެވެ. އޭގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރުކޮށް މެނިންޖައިޓިސް ޖެހުމާއި، މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރި ސެޕްސިސް ޖެހުމުގެ ފުރުސަތު އޮވެއެވެ.
މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމުން، ބަލި ޖެހިފައިވާ މީހާއާ ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ މީހުންނަށް ޖަރާސީމު އެރުމުގެ ފުރުސަތު ބޮޑެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، ރާއްޖޭގައި މި ބަލި އާއްމުކޮށް ފެނިފައިވަނީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހުންގެ ގައިންނެވެ.
ކޮމެންޓު ފޮނުވާ