ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

Author
ހުސައިން
14 ޖޫން 2025 02:52
0

ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިންޒާރުދީފައެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 6:00 އިން މެންދުރު 12:00 އާ ދެމެދު ހުދު ސަމާލު ނެރެފައިވެއެވެ.

މެޓް އޮފީހުގެ މަޢުލޫމާތު ދައްކާގޮތުން ހުދު ސަމާލުގެ ވަގުތުތަކުގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާނެކަމަށް ވެސް ލަފާކުރެވެއެވެ. މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވެއެވެ. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15-25 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ އިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5-15 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ހުންނާނެ ނަމަވެސް ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ޚާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.