ޓްރަމްޕްގެ އިންޒާރު އީރާނަށް: އެމެރިކާއާއެކު ޑީލަކަށް ނުގޮސްފިނަމަ ދެން ކުރިމަތިލާންޖެހޭނެ ހަމަލާތައް މާ ވަރުގަދަ ވާނެ

ޓްރަމްޕްގެ އިންޒާރު އީރާނަށް: އެމެރިކާއާއެކު ޑީލަކަށް ނުގޮސްފިނަމަ ދެން ކުރިމަތިލާންޖެހޭނެ ހަމަލާތައް މާ ވަރުގަދަ ވާނެ

Author
ހުސައިން
13 ޖޫން 2025 10:01
0

އެމެރިކާއާއެކު ޑީލަކަށް ނުގޮސްފިނަމަ ދެން ކުރިމަތިލާންޖެހޭނެ ހަމަލާތައް މާ ވަރުގަދަ ވާނެ ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދީފިއެވެ.

އިޒްރޭލުން އީރާނުގެ ނިއުކްލިއާ ތަންތަނަށާއި އިސް ލީޑަރުންނަށް ދިން ހަމަލާތައް ދިފާއުކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، އެއީ "ވަރަށް ކާމިޔާބު ހަމަލާތަކެއް" ކަމަށެވެ. އެމެރިކާގެ މީޑިއާތަކާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިޒްރޭލުން ހަމަލާދޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނަށް އޮތީ ދެ ގޮތެކެވެ. އެއީ އެމެރިކާއިން ހުށަހެޅި ގޮތަށް ނިއުކްލިއާ މައްސަލައިގައި އެއްބަސްވުން ނުވަތަ މާ ވަރުގަދަ ހަމަލާތަކާ ކުރިމަތިލުމެވެ. "ފިސާރި ވަރުގަދައަށް އެއޮތީ ޖަހާފަ، ވަރަށް ބާރަށް، އަދި ކުރިއަށް އޮތީ، މާބާރުވާނެ" ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް އެމެރިކާއިން ވަނީ ފަސް ފަހަރެއްގެ މަތިން އީރާނުގެ އޮފިޝަލުންނާއެކު ރަސްމީ ވާހަކަތައް ބާއްވާފައެވެ. ނަމަވެސް އީރާނުން މި ފުރުސަތު ބޭނުން ނުކުރާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ވާހަކަތައް ފެއިލްވެއްޖެނަމަ އީރާނަށް ހަމަލާ ދޭނެ ކަމަށާއި އީރާނަށް ނިއުކްލިއާ ގާބިލުކަން ލިބުން ނުދޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.

ވައިޓްހައުސްއިން ފުރަތަމަ ބުނެފައިވަނީ އިޒްރޭލުން އީރާނަށް ހަމަލާދިނުމުގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން މި ވާހަކަ ބަދަލުކޮށް، އެކަމަކީ އެމެރިކާގެ ސީދާ ބައިވެރިވުމާއެކު ކުރި ކަމެއް ކަމަށް ނުސީދާގޮތުން މިހާރު ދަނީ އެއްބަސްވަމުންނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، އީރާނުގެ ވައިގެ ސަރަހައްދު އޮތީ އެއްވެސް ހުރަހެއް ނެތި ހާމައަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނަށް އޮތީ ދެ ގޮތެވެ. އެއީ އީރާނުގެ ހުރިހާ ނިއުކްލިއާ ފެސިލިޓީތަކަކަށް ހަމަލާދީ ހަލާކުކޮށްލަން ދީގެން ބަލަން ތިބުން ނުވަތަ އީރާނުގެ މުޅި އިގްތިސާދާ ގުޅިފައި ހުރި ތަންތަން ފުނޑުފުނޑުކޮށްލުމެވެ.

އިޒްރޭލުގެ ވަރުގަދަ ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ޖެނެރަލުންނާއި ހަ ސައިންޓިސްޓުން ވަނީ އަވަހާރަވެފައެވެ. މި ހަމަލާތަކަށް ރައްދު ދެމުން އީރާނުން ބުނެފައިވަނީ، އިޒްރޭލަށް ދެން ނުނިދޭނެ ކަމަށާއި އިޒްރޭލުގެ ހަމަލާތަކުގެ ބަދަލު ވަރުގަދައަށް ދޭނެ ކަމަށެވެ. އަދި އެ މަގާމުތަކަށް އާ ބޭފުޅުން ވަނީ އައްޔަންކޮށްފައެވެ.

އަސްކަރީ ގޮތުން ބަލާއިރު އީރާނުގައި އިޒްރޭލަށްވުރެ ސިފައިންގެ އަދަދުވެސް އަދި ހަތިޔާރުވެސް ގިނައެވެ. އެހެންނަމަވެސް އީރާނަކީ ހުޅަނގާއި އެމެރިކާގެ ފިއްތުންތަކުގެ ތެރޭގައި މިޒަމާނުގެ އަސްކަރީ ބާރުވެރިކަން އިޒްރޭލާ އެއްވަރަށް ލިބިފައިވާ ގައުމެއް ނޫނެވެ. އިޒްރޭލުން ހަނގުރާމަ ކުރަނީ އެމެރިކާގެ ސެޓެލައިޓްތަކުގެ އެހީގައި ސީދާ މީހާ ހޯދައި، ސީދާ އަމާޒު ހޯދައި އެތަންތަނަށް ހަމަލާ ދެމުންނެވެ. އީރާނުގެ އަތުގައި އެފަދަ ސެޓެލައިޓެއް ނެތެވެ.

އިޒްރޭލުގެ ހަމަލާތަކާއެކު ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް ހަތް ޕަސެންޓަށް މިހާރު އުފުލިފައިވެއެވެ. އިޒްރޭލުން ބުނަނީ ހަމަލާތައް އަދިވެސް އޮތީ ކުރިއަށް ކަމަށާއި އީރާނުގެ ބާރު އެއްކޮށް ނައްތާލެވެންދެން ހަމަލާ ދޭނެ ކަމަށެވެ. އަދި ފުރިހަމަ ހަނގުރާމައަކަށް ތައްޔާރުވެ، ވަރުގަދަކޮށް އޮތް ކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.