ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު މެންދުރު ހިނގި ޓްރެފިކް އެކްސިޑެންޓަކާ ގުޅިގެން މަގުމަތީގައި މާރާމާރީއެއް ހިންގި ދެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށް، ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓާ ގުޅިގެން ދެ ފިރިހެނުން މަގުމަތީގައި ވަނީ ގަދަކަމުން މާރާމާރީ ހިންގާފައެވެ. ވީޑިއޯ ހިއްސާކުރި ފަރާތްތަކުން ބުނާ ގޮތުގައި، މާރާމާރީގައި ބައިވެރިވި އެކަކީ އެކްސިޑެންޓްވި ޓެކްސީގެ ޑްރައިވަރެވެ.
ފުލުހުންގެ ތަރުޖަމާން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ، 11 ޖޫން 2025 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި ހުޅުމާލޭ ފޭސް 2ގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ ރިޕޯޓް ލިބުމުން، އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް ފަރާތަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. މާރާމާރީގައި ބައިވެރިވި ދެ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަމާ ގުޅޭ ނަސޭހަތް ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގެ އިތުރު ތަފުސީލުތައް ހޯދުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެކްސިޑެންޓް ހިނގި ގޮތާއި، މާރާމާރީ ހިނގުމުގެ ސަބަބުތައް ސާފުކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ