ސަރުކާރުގެ ޚަރަދު 22% ދަށްވެ، އާމްދަނީ 6% އިތުރުވެއްޖެ

ސަރުކާރުގެ ޚަރަދު 22% ދަށްވެ، އާމްދަނީ 6% އިތުރުވެއްޖެ

Author
ހުސައިން
12 ޖޫން 2025 01:32
0

ފިނޭންސް މިނިސްޓްރީން ހާމަކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން ފާހަގަކުރެވިއްޖެއެވެ. ޚާއްސަކޮށް ދައުލަތުން ކުރާ ޚަރަދުތައް ކޮންޓްރޯލްކުރުމާއި އާމްދަނީ އިތުރުކުރުމުގައި ރަގަޅު ނަތީޖާތަކެއް ހާސިލުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ނިމިދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން 5 ޖޫން 2025 ގެ ނިޔަލަށް ދައުލަތަށް ޖުމުލަ 16.7 ބިލިއަން ރުފިޔާ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ ބަލާއިރު 6 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތުގެ އާމްދަނީގެ ބޮޑު ހިއްސާއެއް ލިބެނީ ޓެކްސް އާމްދަނީގެ ގޮތުގައިކަން ފާހަގަކުރެވެއެވެ. ޖުމުލަ އާމްދަނީގެ 78.4 އިންސައްތަ ނުވަތަ 13.1 ބިލިއަން ރުފިޔާ ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. މީގެ ތެރޭގައި ގްރީން ޓެކްސްގެ އާމްދަނީ ފާހަގަކޮށްލެވޭ ގޮތަށް އިތުރުވެފައިވާކަން ފެނެއެވެ. ގްރީން ޓެކްސް ރޭޓަށް ގެނައި ބަދަލުތަކާ ގުޅިގެން މި އާމްދަނީ ނިމިދިޔަ އަހަރާ އަޅާބަލާއިރު 89.5 އިންސައްތަ އިތުރުވެފައިވެއެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ އާމްދަނީވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. މި އާމްދަނީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 49.3 އިންސައްތަ އިތުރުވެފައިވެއެވެ. މިއީ ޓޫރިޒަމް ދާއިރާ ފުޅާވަމުންދާކަމުގެ ސާފު ހެއްކެކެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަން ފެނެއެވެ. ޖުމުލަ 15.6 ބިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާއިރު، މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި އަދަދަށްވުރެ 22.1 އިންސައްތަ ދަށް އަދަދެކެވެ.

ރިކަރަންޓް ޚަރަދު 4.4 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަރަށް ބޮޑަށް 71.8 އިންސައްތައިން ދަށްވެފައިވެއެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމަށް ކުރި ޚަރަދު 10.3 އިންސައްތަ ދަށްވެފައިވެއެވެ.

ކެޕިޓަލް ޚަރަދުގެ ގޮތުގައި މިހާތަނަށް 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ މަގުހެދުމާއި، ބްރިޖް އަދި އެއަރޕޯޓް ތަރައްޤީކުރުން ފަދަ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މިއަހަރު 12.4 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ލަފާކޮށްފައިވީނަމަވެސް، މިހާތަނަށް މި ޕްރޮގްރާމްތަކަށް ޚަރަދުކޮށްފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ އަހަރުގެ ބަޖެޓުގެ 11.2 އިންސައްތައެވެ.

އާމްދަނީ އިތުރުވުމާއި ޚަރަދު ދަށްވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓް ސަރޕްލަސް 1.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. މިއީ ދައުލަތުގެ މާލީ ސިޔާސަތުގައި ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ރަނގަޅު ނަތީޖާއެއްކަމުގައި ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.