ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދިއުމަށް އިލްތިމާސް

ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދިއުމަށް އިލްތިމާސް

Author
ހުސައިން
12 ޖޫން 2025 01:29
0

މި ދުވަސްވަރު އާންމު ރޯގާތަކާއި އިންފްލުއެންޒާގެ ކޭސްތައް ފުޅާ ދާއިރާއެއްގައި ފެތުރެމުންދާތީ، ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ހޮސްޕިޓަލަށް ދާއިރު ކުޑަކުދިން ނުގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްއެއް ކޮށްފިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑރ. އިބްރާހީމް އިޔާޒު ވިދާޅުވީ މިހާރު އާންމު ރޯގާތަކުގެ އިތުރުން އިންފްލުއެންޒާގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ، މި ކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ހުން ޖެހޭ މީހުން އިތުރުވާ މި ދުވަސްވަރު ހޮސްޕިޓަލްތަކަށް ބާރު ބޮޑުވަމުންދާ ކަމަށް ޑރ. އިޔާޒު ފާހަގަކުރެއްވިއެވެ.

ޑރ. އިޔާޒު އިރުޝާދު ދެއްވީ 24 ގަޑިއިރުން 48 ގަޑިއިރާ ދެމެދު ޕެނެޑޯލް ބޭނުންކޮށްގެން ގޭގައި ފަރުވާ ދެވޭނަމަ، އެގޮތަށް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ދިފާއީ ނިޒާމު ބަލިކަށި ފަރާތްތައް ކަމުގައިވާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހުން ގޭގައި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ވަގުތުން ހޮސްޕިޓަލަށް ގެންދިއުމަށް ޑޮކްޓަރު ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.

ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ހޮސްޕިޓަލަށް ދާއިރު ކުޑަކުދިން ގެންނުދިއުމަށް ޑރ. އިޔާޒު ވަރަށް ބޮޑަށް އެދިވަޑައިގެންނެވިއެވެ. ޚާއްސަގޮތެއްގައި ހަ މަސް ނުފުރޭ ތުއްތު ކުދިންނާއި ފަސް އަހަރުން ދަށުގެ ކުދިން ހޮސްޕިޓަލަށް ގެންނުދިއުމަށް ޑޮކްޓަރު ވަނީ ވަރުގަދައަށް އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން ބަލި ފެތުރުން މަދުކުރުމަށްޓަކައި ގިނައިން ބޭރަށް ނުދިއުމަށް ވެސް އިރުޝާދު ދެއްވިއެވެ.

އެޗްޕީއޭގެ ހެލްތް ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ މި ދުވަސްވަރު އާންމު ރޯގާތަކާއި އިންފްލުއެންޒާ އަދި ކޮވިޑް-19 ގެ ކޭސްތައް ވަރަށް ގިނަ ކަމަށެވެ. ޑެންގީގެ ކޭސްތައް މިވަގުތު މަދުވި ނަމަވެސް، ކުރިއަށް އޮތް ދުވަސްވަރަކީ އާންމުގޮތެއްގައި ރާއްޖޭގައި ޑެންގީ ކޭސްތައް އިތުރުވާ ދުވަސްވަރެއް ކަމަށް ހަމްޒަތު ފާހަގަކުރެއްވިއެވެ. އޮގަސްޓް މަހާ ހަމައަށް ޑެންގީ ކޭސްތައް އިތުރުވުން އެކަށީގެންވާ ކަމަށްވާތީ، މި ކަމަށް ސަމާލުވުމަށް ހަމްޒަތު އިލްތިމާސް ކުރެއްވިއެވެ.

އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެޕްރީލް 20 އިން މެއި މަހުގެ ނިޔަލަށް އަރިދަފުސް ރޯގާތަކާއި އިންފްލުއެންޒާގެ ކޭސްތައް ރިޕޯޓް ކުރި އަދަދު، ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި އަހަރުގެ އެ މުއްދަތުގައި އަރިދަފުސް ރޯގާގެ 46,032 ކޭސް އަދި އިންފްލުއެންޒާގެ 364 ކޭސް ރިޕޯޓް ކުރެވިފައިވާއިރު، ފާއިތުވި އަހަރު ރިޕޯޓް ކުރެވުނީ 33,948 ރޯގާ ކޭސް އަދި 45 އިންފްލުއެންޒާ ކޭހެވެ.

އަރިދަފުސް ރޯގާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރެވިފައިވަނީ އިންފްލުއެންޒާ އަދި ކޮވިޑް-19 ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. ރާއްޖޭގެ އެންމެހައި ސަރަހައްދުތަކުގައި ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާއިރު، ކޮވިޑާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކުރެވެނީ މާލެ ސަރަހައްދުން ކަމަށް ވެސް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.