ސިނަމާލެ ބްރިޖު އެޅުމުގެ ވާހަކަ ޗައިނާއާއެކު އެންމެ ފުރަތަމަ ދެކެވުނީ އޭރު ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާ ކުރީގެ ރައީސް ވަހީދު މިކަން ހާމަކުރެއްވީ އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ބޮޑުވެފައިވުން ކަމަށް ވަހީދު ފާހަގަކުރެއްވިއެވެ. މިއީ ދިގު މުއްދަތެއްގެ ތެރޭގައި އެކި ސަރުކާރުތަކުން ނަގަމުން އައި ލޯނުތަކުގެ ނަތީޖާ ކަމަށާއި، މި ދަރަނިތަކުގެ ޒިންމާ އެކަކަށް ޖެއްސުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްކަމުގައި ހުންނަވައިގެން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައްޔިތުންނަށް ދެވުނު ވައުދުތައް ފުއްދުމަށް ބޮޑެތި ލޯނުތައް ނެގުމުގައި ބައިވެރިވި ކަމަށްވެސް ވަހީދު އިއުތިރާފުވެފައި ވެއެވެ. "އަޅުގަނޑު ރައީސްކަމުގައި ހުއްޓާ، ޗައިނާގެ ބޮޑުވަޒީރު ފެންވަރުގައި ބްރިޖު އެޅުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނު. އެކަމަކު އަޅުގަނޑަށް އެ މަޝްރޫއު ފުރިހަމަ ނުކުރެވުނު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމަށް އައުމަށްފަހު ކުޅަދާނަކަމާއެކު މި މަޝްރޫއު ތަންފީޒުކުރި ކަމަށާއި، އެކަމުގައި ބޮޑެތި ހަރަދުތަކާއި ލޯނުތައް ނަގަންޖެހުނު ކަމަށް ވަހީދު ވިދާޅުވިއެވެ. މި މަސައްކަތުގައި އަމަލީގޮތުން އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ މިހާރުގެ ރައީސް ޑރ. މުއިއްޒު ކަން ފާހަގަކޮށް، އެކަން ހަނދާން ބަހައްޓަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބްރިޖަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށާއި، ހައުސިން މަޝްރޫޢުތަކަށާއި، އެހެނިހެން ކަންކަމަށް އެކި ސަރުކާރުތަކުން ލޯނު ނަގާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. މި ހުރިހާ ލޯނުތަކަކީ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ނެގި ލޯނުތައް ކަމުން، އެ ލޯނުތައް ދެއްކުމުގައި ރައްޔިތުން ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ހުރިހާ ލޯނުތައް ނެގިފައި މިހުރީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫނޭ، އެއީ ރައްޔިތުންނަށް އޭގެ ސަބަބުން ވީކޮން ފައިދާއެއްހޭ ބުނާނެ ތަނެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން،" ވަހީދު ވިދާޅުވި ގޮތުގައި، ނެގިފައިވާ ލޯނުތަކުން ރައްޔިތުންނަށް ލިބުނު ފައިދާތައް ސާފުކޮށް ފެންނަން އޮތް ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވައެވެ.
ކޮމެންޓު ފޮނުވާ