ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީއެއްގައި 18 އަހަރުގެ ދިވެހި ޒުވާނަކަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް އޭނާ އައްޑޫ ސިޓީއަށް ބަދަލުކޮށްފި އެވެ.
ފުލުހުންގެ މައުލޫމާތުގައި ވާގޮތުން މީހެއްގެ ގައިގައި ޖަހައި މާރާމާރީ ކުރި ކަމުގެ މައްސަލައެއް ރޭ 8:54 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ. މި ހާދިސާގައި އަނިޔާވި ޒުވާނަކީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ދިއުމާއި، ކަނާތްފަރާތް ކޯމަތި ދުޅަވުން ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. މީގެ އިތުރުން އޭނާގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ކުދިކުދި އަނިޔާތަކެއް ވެސް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.
ލިބުނު އަނިޔާތަކުގެ ބާވަތަށް ބަލާއިރު އިތުރު ފަރުވާ ބޭނުންވާތީ، އޭނާ މިހާރު ވަނީ އައްޑޫ ސިޓީއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އޭނާގެ ޞިއްޙީ ޙާލަތާ ބެހޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.
މި މައްސަލަ ތަޙުޤީޤު ކުރަމުން ދާއިރު، މި ވަގުތު އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މާރާމާރީ ހިނގި ސަބަބާއި މި ހާދިސާގައި ބައިވެރިވި މީހުންގެ އަދަދު ފަދަ ތަފްސީލުތައް ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ