ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިނގިރޭސިވިލާތުން ކުރާ ޙިއްސާ އިތުރުވަމުން ދާކަން ފާހަގަކުރެވިފައިވާއިރު، މި އަހަރުގެ މިހާތަނަށް އެ ޤައުމުން 101،781 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ޤައުމުތަކުގެ ތެރެއިން ތިންވަނަ އަށް އެ ޤައުމު އޮތުމާއެކު ހާސިލުކުރި ކާމިޔާބެކެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން 10.1 ޕަސެންޓަކީ އިނގިރޭސި ފަތުރުވެރިންނެވެ. މިދިޔަ އަހަރުތަކާ އަޅާބަލާއިރު އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަރަމުން ދާކަން ފާހަގަކުރެވެ އެވެ. 2024 ވަނަ އަހަރު އެ ޤައުމުން އެއްލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެއަށް އައީ ޖުލައި މަހުގައި ކަމަށާއި، 2023 ވަނަ އަހަރު އެ ލަނޑުދަނޑި ފުރިހަމަވީ އޮގަސްޓް މަހުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ދިހަ ޤައުމުގެ ލިސްޓުގައި ޗައިނާ 121،393 ފަތުރުވެރިންނާއެކު ފުރަތަމަ ތަރުތީބުގައި އޮތްއިރު، ރަޝިއާ 111،937 ފަތުރުވެރިންނާއެކު ދެވަނައިގަ އެވެ. އިނގިރޭސިވިލާތަށްފަހު އިޓަލީ 83،142 ފަތުރުވެރިންނާއެކު ހަތަރުވަނައިގައި އޮތްއިރު، ޖަރުމަނު 77،012 ފަތުރުވެރިންނާއެކު ފަސްވަނައިގަ އެވެ. އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޓްޒަލޭންޑް އަދި އޮސްޓްރޭލިއާ ފަހެއްގެ ތަރުތީބުގައި ހިމެނެ އެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 727،742 ފަތުރުވެރިން، ނުވަތަ 71.6 ޕަސެންޓް މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި އެވެ. ގެސްޓްހައުސްތަކުގައި 230،699 ފަތުރުވެރިން، ނުވަތަ 23.0 ޕަސެންޓް މީހުން ޗުއްޓީ ހޭދަކުރިއިރު، ހޮޓާތަކުގައި 28،830 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 24،013 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. އަދި އެހެނިހެން ތަންތަނުގައި 689 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެމުން ދާއިރު، މިހާރު ރާއްޖޭގައި 175 ރިސޯޓާއި 850 ގެސްޓްހައުސް ހިންގަމުން ދެ އެވެ. މީގެ އިތުރުން 159 ސަފާރީ އުޅަނދާއި 16 ހޮޓާ ވެސް ފަތުރުވެރިންނަށް ޚިދުމަތްދެމުން ދެ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދާކަން ފާހަގަކުރެވެ އެވެ.
ކޮމެންޓު ފޮނުވާ