ދިވެހިބަސް ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: އާދަމް ނަސީރު

ދިވެހިބަސް ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: އާދަމް ނަސީރު

Author
ހުސައިން
09 ޖޫން 2025 04:53
0

ދިވެހިބަހުގެ ހާލަތު ވަރަށް ނާޒުކު ދަރަޖައެއްގައި ވާކަމަށާއި، ބަސް ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މިއަދު ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މިހާރު 12 އަހަރުގެ ކުދިންގެ ތެރެއިން ގިނަ ކުދިންނަށް ދިވެހިބަހުން ރަނގަޅަށް ވާހަކަދެއްކޭކަށް ނޭނގޭކަމަށާއި، މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދިވެހިބަސް މިހާރު އޮތީ ކުއްލި އެހީތެރިކަން ބޭނުންވާ ހާލަތެއްގައި. މި ހާލަތުން އަރައިގަތުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ބަހުގެ މުހިންމުކަން ފުރިހަމައަށް ދެނެގަތުމަށް ބޮޑެތި މީހުންގެ ވިސްނުން ބަދަލުކުރުން އެންމެ އިސްކަމެއްކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ. ގައުމެއްގެ އަމިއްލަވަންތަކަން ދެމެހެއްޓުމުގައި ބަހަކީ އެންމެ މުހިންމު ރުކުނެއްކަން ބޮޑެތި މީހުންނަށް އެނގިއްޖެނަމަ، އެ މީހުން މެދުވެރިކޮށް ކުޑަކުދިންނަށް ބަހުގެ ލޯބި އުފެއްދިދެވޭނެކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ދިވެހި ބަހުގެ އެކެޑަމީން ކުރާ މަސައްކަތްތައް ވިދާޅުވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސްކޫލްތަކުގައި މުބާރާތްތައް ބޭއްވުމާއި، ސަރުކާރު އޮފީސްތަކަށް ޒިޔާރަތްކޮށް ބަހުގެ ގަވާއިދުތަކާއި އުސޫލުތައް ކިޔައިދިނުން ފަދަ ކަންތައްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް މި މަސައްކަތްތަކުން އަދިވެސް ބޭނުންވާ ނަތީޖާ ހާސިލުވެފައި ނުވާކަމަށް އޭނާ އިޢުތިރާފުވެވަޑައިގެންނެވިއެވެ.

"ދިރާސާތަކުން ދައްކާ ގޮތުގައި ގުދުރަތީ މައްސަލަތައް ހައްލުކުރުމުގައި އެންމެ ގުދުރަތީ ހަތިޔާރަކީ ބަސް. އެހެންކަމުން ބަހުގެ މުހިންމުކަމާ ގުޅޭ އިލްމީ މަޢުލޫމާތުތައް އާންމުންނާ ހިއްސާކޮށް، ބަހަށް އޮތް ލޯބި އިތުރުކުރުމަށް މިހާރަށްވުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ބަސް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ދިވެހިބަހަށް ބޭރު ބަސްތަކުގެ ނުފޫޒު ބޮޑުވަމުންދާއިރު، ދިވެހީންގެ ތެރޭގައި އަމިއްލަ ބަހަށް އޮތް ލޯބި ދުވަހެއް ދުވަހަކަށް ކުޑަވަމުންދެއެވެ. މި ހާލަތު ބަދަލުކުރުމަށް ދިވެހި ބަހުގެ އެކެޑަމީންނާއި އަމިއްލަ ޖަމާޢަތްތަކުން ގިނަގުނަ ޕްރޮގްރާމުތަކެއް ހިންގަމުންދާއިރުވެސް، އެ މަސައްކަތްތަކުގެ އަސަރު އަދި ފުރިހަމައަށް ފެންނަމުން ނުދާކަން މިނިސްޓަރު އިޢުތިރާފުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.