މެނިންގޯކޮކަލް ބަލީގައި ނިޔާވި ޒުވާނާ ގާތުގައި ތިބި މީހުން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވޭ

މެނިންގޯކޮކަލް ބަލީގައި ނިޔާވި ޒުވާނާ ގާތުގައި ތިބި މީހުން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވޭ

Author
ހުސައިން
08 ޖޫން 2025 03:48
0

އިންވޭސިވް މެނިންގޯކޮކަލް ބަލިން ނިޔާވި 24 އަހަރުގެ ދިވެހި ޒުވާނަކާ ގާތުން ތިބި މީހުންގެ ތެރެއިން މިހާތަނަށް އެއްވެސް މީހަކު މި ބައްޔަށް ފައްސިވެފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.

މެލޭޝިއާއަށް ކުރި ދަތުރަކުން އެނބުރި ރާއްޖެ އައުމަށްފަހު މި ބަލިން ނިޔާވި ޒުވާނާ ގުޅިގެން، އޭނާއާ ގާތުން އެއްތާވި މީހުން ހޯދައި، ބަލީގެ ހިރާސް ބޮޑު މީހުންނަށް ރައްކާތެރިކަމުގެ ބޭސް ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ކުރިއަށް ގެންދެއެވެ. ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މި ބަލީގެ ވޭދަނައެއް ފެނުމާ ގުޅިގެން، ކަމާ ގުޅޭ ފަރާތްތަކުން ވަނީ ބަލީގެ މައުލޫމާތު އެއްކޮށް، ޕްރޮފައިލެކްޓިކް ބޭސް ދޭންޖެހޭ މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި، ބަލި ޖެހިފައިވޭތޯ ބެލުމަށް ކުރަންޖެހޭ މޮނިޓަރިންގެ މަސައްކަތްތައް މިވަގުތުވެސް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތައް ނިމުމުން އިތުރު މައުލޫމާތު މީޑިއާއަށް ދޭނެ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ވޭދަނައެއް ފެނުނު ކަމަށް އެޗްޕީއޭއިން އިއުލާން ކުރީ އިއްޔެގައެވެ. މި ބަލި ޖެހުނު ދިވެހި ޒުވާނަކީ އުމުރުން 24 އަހަރުގެ ފިރިހެން މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.