ސިޔާސީ ހަމަނުޖެހުންތަކާ ދިމާވެފައިވާ ބަންގްލަދޭޝްގައި ރިޔާސީ އިންތިހާބު 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅުގައި ބޭއްވުމަށް އެގައުމުގެ ވަގުތީ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން އިއުލާންކުރެއްވީ ނޯބަލް ޕީސް އެވޯޑް ލިބިވަޑައިގެންފައިވާ ވަގުތީ ބޮޑުވަޒީރު މުހައްމަދު ޔޫނުސް އެވެ.
ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވެރިކަން ދޫކޮށް އިންޑިއާއަށް ފުރާވަޑައިގަތުމަށްފަހު، މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ޔޫނުސް ވަނީ ވަގުތީ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންނެވެ. އާންމުންނާ މުހާތަބުކުރައްވަމުން ޔޫނުސް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި އެގައުމުގެ ކަންކަން ހިންގުމުގައި އުނދަގޫތަކާ ކުރިމަތިލާންޖެހުނު ކަމަށާއި، ރައްޔިތުންނަށް ލިބެންޖެހޭ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
އިންތިހާބުގެ އެންމެހައި ކަންކަން ކުރިޔަށް ގެންދިއުމުގެ ޒިންމާ ބަންގްލަދޭޝްގެ އިންތިހާބާ ބެހޭ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި އިންތިހާބުގެ ތައްޔާރީތައް އެ އިދާރާއިން ފެށިގެންދާނެ ކަމަށް ވަގުތީ ބޮޑުވަޒީރު ވިދާޅުވިއެވެ.
ނަމަވެސް އިދިކޮޅު ޕާޓީތަކުން ވަނީ އިންތިހާބު އަވަސްކުރުމަށް ވަގުތީ ސަރުކާރަށް ބާރުއަޅާފައެވެ. އެގޮތުން އިދިކޮޅުން ވަނީ އިންތިހާބު އަންނަ ޑިސެމްބަރު މަހުގައި ބާއްވަންޖެހޭނެ ކަމަށް ބުނެ ވަގުތީ ސަރުކާރަށް ޕްރެޝަރު ކޮށްފައެވެ. އެހެންނަމަވެސް ވަގުތީ ސަރުކާރުން ވަނީ އިންތިހާބު އޭޕްރީލްގައި ބޭއްވުމަށް ކަނޑައަޅައި، އެ ނިންމުން ރަސްމީކޮށް އިއުލާންކޮށްފައެވެ.
ބަންގްލަދޭޝްގައި ސިޔާސީ ހަމަނުޖެހުންތައް ފެށިގެން އައީ ކުރީގެ ބޮޑުވަޒީރު ހަސީނާގެ ސަރުކާރާ ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާތަކާ ގުޅިގެންނެވެ. އެ މުޒާހަރާތަކުގައި ގިނަ މީހުންނެއް މަރުވެ، އަނިޔާ ލިބުމުން ހަސީނާ ވަނީ ވެރިކަން ދޫކޮށް އިންޑިއާއަށް ފުރާވަޑައިގަތްކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ