މިއަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކޮށް، މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ތާރީޚީ އަހަރަކަށް ވެއްޖެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވި އަހަރެވެ.
އިންޑިޔާއިން ރާއްޖެ ޒިޔާރަތްކުރި ކާޖަލް ސިންގް އަކީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާއެވެ. އޭނާ އާއި އޭނާގެ ފިރިމީހާ މިވަނީ ކައިވެނީގެ ޚާއްސަ ދަތުރެއްގައި މަލަހިނި ކުޑަބަޑޮސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައެވެ.
މި ޚާއްސަ މުނާސަބަތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ޚާއްސަ މަރުޙަބާއެއް ދަންނަވާފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
ފާއިތުވި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ހުރީ 2 މިލިޔަނުގައެވެ. ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ މުހިންމު އަމާޒެކެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ޕްރޮމޯޝަނަލް މަސައްކަތްތަކާއި، އައު ބާޒާރުތައް ހޯދުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ