މި އަހަރުގެ 29 މެއި ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދުތައް ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.3 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 1.2 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް އަރާފައިވާ ކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނެފައިވެއެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމުލަ 15.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ރިކަރަންޓް ޚަރަދު 2.0 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު 65.5 އިންސައްތައިން ދަށްވެފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ޚަރަދުތައް ވެސް ވަރަށް ބޮޑު މިންވަރަކަށް ކުޑަކުރެވިފައިވެއެވެ. އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 69.6 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚަރަދު 24.1 އިންސައްތައިން ކުޑަވެފައިވެއެވެ. ދަތުރުފަތުރުކުރުމުގެ ޚަރަދު 14.6 އިންސައްތައިން ދަށަށް ގޮސްފައިވާއިރު، ސަބްސިޑީތަކަށް ކުރެވުނު ޚަރަދު 24.4 އިންސައްތައިން ކުޑަވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް އާސަންދައަށް ކުރާ ޚަރަދާއި، ޚިދުމަތްދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށް ކުރާ ޚަރަދާއި، ލޯނުގެ ޚިދުމަތަށް ކުރާ ޚަރަދު ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ. ދައުލަތުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދެއްކި ފައިސާގެ މިންވަރު 151.8 އިންސައްތަ އިތުރުވެފައިވާއިރު، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާ 47.1 އިންސައްތަ އިތުރުވެފައިވެއެވެ.
ކެޕިޓަލް ޚަރަދުގެ ތެރެއިން 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިއަހަރުގެ ބަޖެޓުގައި މިފަދަ ކަންކަމަށް ކަނޑައަޅާފައިވާ ޖުމުލަ އަދަދުގެ 10.8 އިންސައްތައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް މިއަހަރު 12.4 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވީނަމަވެސް، މިހާތަނަށް ހޭދަކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. މިއަހަރު ޕީ.އެސް.އައި.ޕީގެ ދަށުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ މަޝްރޫޢުތަކަށް ކަމަށްވާއިރު، އެކަމަށް 811.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ޕީ.އެސް.އައި.ޕީ އާ ގުޅޭ ސިޔާސަތުތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން މިފަދަ ޕްރޮގްރާމްތަކަށް ކުރާ ޖުމުލަ ޚަރަދު ކުޑަކުރެވިފައިވާ ކަމަށް މާލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ