މާލޭގެ ދެ ބިން ގަތުމަށް ސަންފްރަންޓުން ޚަރަދުކުރި 26 މިލިއަން ރުފިޔާ ދައުލަތުން ހިފަހައްޓައި، ބިން ހަވާލުނުކުރުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން މިއަދު ދައުލަތުގެ މައްޗަށް ހުކުމްކޮށްފިއެވެ.
2010 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ސަރުކާރުން މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން 11 ބިން ވިއްކުމަށް ހުޅުވައިލިއެވެ. މި ފުރުސަތުގައި ސަންފްރަންޓުން 2،000 އަކަފޫޓުގެ ދެ ބިން ގަތުމަށް ނިންމައި، ޖުމްލަ 26،989،880 ރުފިޔާ ދައްކައި ޚަލާސްކުރީ 2012 ވަނަ އަހަރުއެވެ.
ނަމަވެސް ދައުލަތުން މި ދެ ބިން ސަންފްރަންޓާ ހަވާލުނުކޮށް ދިގު މުއްދަތަކަށް ހިފަހައްޓައިފިއެވެ. ކުންފުނިން ބިމަށް ދެއްކި 26 މިލިއަން ރުފިޔާ ދައުލަތުން އަނބުރާ ދިނީ ފައިސާ ދެއްކި ތާރީޚުން ދެ އަހަރު ފަހުން، 2014 ވަނަ އަހަރުއެވެ.
މި ސަބަބުން 2012 އިން 2014 އަށް ސަންފްރަންޓުގެ ފައިސާ ދައުލަތުގެ އަތުގައި ހުރި މުއްދަތުގައި ކުންފުންޏަށް ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް އެދި، ސަންފްރަންޓުން 2013 ވަނަ އަހަރު ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ. ކުންފުނިން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 20،824،556 ރުފިޔާ ނަގައިދިނުމަށެވެ.
ސިވިލް ކޯޓުން މި މައްސަލަ ބަލައި ނިންމީ، ސަންފްރަންޓަށް ހަގީގަތުގައިވެސް 20 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ކަނޑައަޅައިގެންނެވެ. ވީމާ، މި ގެއްލުމުގެ ބަދަލު ދައުލަތުން ސަންފްރަންޓަށް މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ޖަމާކޮށްދޭން ކޯޓުން އަމުރުކޮށްފައި ވެއެވެ.
މި ހުކުމާމެދު ހިތްހަމަނުޖެހޭނަމަ، ހުކުމް ކުރި ތާރީޚުން ފެށިގެން މަސްދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވެއެވެ.
ކޮމެންޓު ފޮނުވާ