ދައުލަތުގެ ބަޖެޓުން ރިކަރަންޓް ހަރަދު ކުޑަކުރުމުގައި ކުރިއެރުން ހޯދައި، އޮފީސް ހިންގުމަށް ހޯދާ ތަކެތީގެ ހަރަދު 70 ޕަސެންޓަށްވުރެ ބޮޑުތަން ކުޑަކޮށް، ދައުލަތުގެ މާލީ ހާލަތު 1.1 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެއްޖެއެވެ.
މާލީ ވުޒާރާއިން ނެރުއްވި މެއި 22ގެ ނިޔަލަށް ދައުލަތުގެ މާލީ ހާލަތު ދައްކުވައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ފާހަގަކުރެވޭ ގޮތުގައި، މިއަހަރު ދައުލަތުގެ ރިކަރަންޓް ހަރަދު ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.8 ޕަސެންޓް ދަށްވެފައިވެއެވެ. މީގެ ތެރޭގައި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ގަތުމަށް ކުރާ ހަރަދު 70.3 ޕަސެންޓް ކުޑަވެފައިވާއިރު، ދަތުރުފަތުރުގެ ހަރަދު 15.7 ޕަސެންޓް މަދުވެފައިވާކަން ރިޕޯޓުން ދައްކައެވެ.
ދައުލަތުގެ އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާތައް ފެންނަމުން އަންނަކަން މި ތަފާސްހިސާބުތަކުން ހާމަވެއެވެ. ރިކަރަންޓް ހަރަދުގެ 60.9 ޕަސެންޓް ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމަށް ހޭދަކޮށްފައިވީ ނަމަވެސް، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.7 ޕަސެންޓް ދަށް އަދަދެކެވެ.
މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދު 27.1 ޕަސެންޓް ދަށްވެފައިވާކަން ވެސް ރިޕޯޓުން ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް، އާސަންދައަށާއި، ހިދުމަތްދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި، ލޯނުގެ ހިދުމަތަށް ކުރާ ހަރަދު ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައިވާކަން ރިޕޯޓުން ދައްކައެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 13.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.9 ޕަސެންޓް ދަށް އަދަދެކެވެ. ރިކަރަންޓް ހަރަދު 3.6 ޕަސެންޓް ދަށްވި އިރު، ކެޕިޓަލް ހަރަދު 64.2 ޕަސެންޓް ދަށްވެފައިވެއެވެ.
މި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް އަރާފައިވާކަން މާލީ ވުޒާރާގެ ރިޕޯޓުން ހާމަވެއެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާކަން ދައްކުވައިދޭ މުހިންމު އިންޑިކޭޓަރެކެވެ.
ކޮމެންޓު ފޮނުވާ