ދައުލަތުގެ އާމްދަނީއަށް 5.6 އިންސައްތައިގެ ކުރިއެރުމެއް

ދައުލަތުގެ އާމްދަނީއަށް 5.6 އިންސައްތައިގެ ކުރިއެރުމެއް

Author
ހުސައިން
28 މެއި 2025 08:33
0

ދައުލަތުގެ ބަޖެޓަށް މިއަހަރުގެ ފުރަތަމަ ހަތަރުމަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ޖުމުލަ އަދަދު 14.9 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ ފާއިތުވި އަހަރުގެ އެއްވަރުގެ މުއްދަތާ އަޅާބަލާއިރު 5.6 އިންސައްތަ އިތުރު އަދަދެކެވެ.

މާލީ ވުޒާރާއިން ނެރުއްވި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި 22 މެއި 2025 ގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 11.6 ބިލިއަން ރުފިޔާ ލިބިފައެވެ. މިއަދަދަކީ ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީގެ 77.8 އިންސައްތައެވެ.

މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އަންދާޒާތަކާ އަޅާބަލާއިރު، އަހަރު ތެރޭގައި ލިބޭނެކަމަށް ލަފާކުރި އާމްދަނީއާއި ހިލޭ އެހީގެ 37.3 އިންސައްތަ މިހާރު ވަނީ ލިބިފައެވެ. އަދި އަހަރުގެ ޖުމުލަ ޚަރަދުގެ ތެރެއިން 28.0 އިންސައްތަ ވަނީ މިހާތަނަށް ޚަރަދުކޮށްފައެވެ.

ޚަރަދުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ 13.7 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުގެ އެއްވަރުގެ މުއްދަތާ އަޅާބަލާއިރު 17.9 އިންސައްތަ މަދު އަދަދެކެވެ. ތަފްސީލަށް ބަލާއިރު ރިކަރަންޓް ޚަރަދު 3.8 އިންސައްތައިން މަދުވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 64.2 އިންސައްތައިން ދަށްވެފައެވެ.

މިގޮތުން ދައުލަތުގެ މާލީ ހާލަތު ދައްކާގޮތުގައި، އާމްދަނީ ލިބުމުގައި ކުރިއެރުމެއް ފެންނަމުންދާއިރު، ޚަރަދުތައް ކޮންޓްރޯލްކުރުމުގައި ވަނީ ކާމިޔާބީތަކެއް ހާސިލުވެފައެވެ. ޚާއްސަކޮށް ކެޕިޓަލް ޚަރަދުތައް ބޮޑުތަނުން ކުޑަވެފައިވުމަކީ ފާހަގަކުރެވޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.