ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން 489 މީހުން މިހާރު ތިބީ މައްކާގައި

ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން 489 މީހުން މިހާރު ތިބީ މައްކާގައި

Author
ހުސައިން
28 މެއި 2025 04:24
0

ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން 489 މީހުން މިހާރު ވަނީ މައްކާއަށް ވާސިލްވެފައެވެ. އެ ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހައްޖު މިޝަނުން ވަނީ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުން ގެންދަވާ ކަމަށާއި، ހައްޖު ކޯޕަރޭޝަނުން ވަނީ ހައްޖުވެރިންނަށް ބޭނުންވާ ފުރިހަމަ އިންތިޒާމުތައް ހަމަޖައްސާފައެވެ.

މި އަހަރު ހައްޖަށް ދާ ދިވެހިން ފުރަން ފެށީ މި މަހުގެ 26 ވަނަ ދުވަހުންނެވެ. ފުރަތަމަ ގްރޫޕް ސައުދީ އަރަބިއްޔާއަށް ފުރީ އެ ދުވަހުގެ ހަވީރު ކަމަށާއި، ދެވަނަ ގްރޫޕް ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓަކުން އިއްޔެ ހެނދުނު ފުރައިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި އަހަރު ހައްޖުވެރިންނަށް ޚާއްސަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ހައްޖުވެރިންނަށް ރާއްޖޭގެ އެއާޕޯޓުގައި ވަނިކޮށް ސައުދީ އިމިގްރޭޝަންގެ ކަންތައްތައް ނިންމާލެވޭނެއެވެ. މިގޮތުން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުރުވެގެންދާނެއެވެ.

މީގެ އިތުރުން، ހައްޖުވެރިން ޖިއްދާ އެއާޕޯޓުން ސީދާ ހޮޓަލަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެނެސްދޭނެ ކަމަށް ބުނެއެވެ. މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި އިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުންނެވެ.

މި އަހަރު ރާއްޖެއިން ޖުމްލަ 1000 ދިވެހިން ހައްޖަށް ދާނެ ކަމަށާއި، ހައްޖުގެ މައިގަނޑު ދުވަހަކީ އަންނަ މަހުގެ 5 ވަނަ ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.