ދިވެހި އުފެއްދުންތައް އެކްސްޕޯޓު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމުގެ ދިރާސާއެއް ހަދަނީ

ދިވެހި އުފެއްދުންތައް އެކްސްޕޯޓު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމުގެ ދިރާސާއެއް ހަދަނީ

Author
ހުސައިން
28 މެއި 2025 01:19
0

ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭރު ގައުމުތަކަށް މުދާ އެކްސްޕޯޓް ކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން ތަފްސީލީ ދިރާސާތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.

މި މުހިންމު ފިޔަވަޅު އެޅުމަށް އިކޮނޮމިކް މިނިސްޓްރީއާއި ޔޫނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވެއެވެ. މި ދެ މުއައްސަސާގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޔޫއެންޑީޕީގެ ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ސަފީރު އެންރީކޯ ގަވޭލިއާ ސޮއިކުރެއްވިއެވެ.

ރާއްޖޭގެ ވިޔަފާރިތަކުން ބޭރު މާކެޓްތަކަށް މުދާ ފޮނުވުމުގައި ރެގިއުލޭޓަރީ އޮނިގަނޑާއި، ހުއްދަތައް ހޯދުމާއި، ސެޓިފިކޭޝަން މިންގަނޑުތަކަށް ވާސިލްވުމާއި، ރަޖިސްޓްރީ ކުރުމުގެ މަރުހަލާތަކުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މި މުހިންމު ދިރާސާގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވުމަށް ދިމާވާ ހުރަސްތައް ސާފުކޮށް ދެނެގަނެވި، އެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފިޔަވަޅުތައް ކަނޑައެޅިގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، މިހާރު ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރަމުންދަނީ ގިނައިން މަސް އަދި ސީފުޑް ބާވަތްތައް ކަމަށާއި، އޭގެ އިތުރުން ބައިނަލްއަގުވާމީ ބާޒާރަށް ނެރެވިދާނެ އެހެނިހެން ބާވަތްތައްވެސް ރާއްޖޭގައި އުފައްދާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެފަދަ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާކަން މިނިސްޓަރު ވިދާޅުވިއެވެ.

"މި ޕްރޮގްރާމްގެ ތެރެއިން އެކްސްޕޯޓް ކުރުމަށް ހުރި ގޮންޖެހުންތައް ރަނގަޅަށް ދެނެގަނެވި، ވިޔަފާރިތަކަށް ކުރިއަށް ދިއުމަށް އާ ފުރުސަތުތައް ހުޅުވިގެންދާނެ،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ އެކްސްޕޯޓް ދާއިރާ ފުޅާކުރުމަށް ބޭނުންވާ ސްޓްރެޓެޖިކް ސިޔާސަތުތައް އެކުލަވާލައި، ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.