ރާއްޖެއިން މިއަހަރު ހައްޖަށް ދާ ފުރަތަމަ ގުރޫޕް ކަމުގައިވާ 235 ހައްޖާޖީން މިއަދު ސައުދީ ޢަރަބިއްޔާއަށް ފުރައިފި

ރާއްޖެއިން މިއަހަރު ހައްޖަށް ދާ ފުރަތަމަ ގުރޫޕް ކަމުގައިވާ 235 ހައްޖާޖީން މިއަދު ސައުދީ ޢަރަބިއްޔާއަށް ފުރައިފި

Author
ހުސައިން
26 މެއި 2025 08:22
0

ރާއްޖެއިން މިއަހަރު ހައްޖަށް ދާ 1,000 ހައްޖުވެރިންގެ ތެރެއިން ފުރަތަމަ ގުރޫޕް ކަމުގައިވާ 235 ހައްޖާޖީން މިއަދު ސައުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ ހައްޖު މޫސުމަށް ދިވެހި ހައްޖުވެރިން ފޮނުވާލާނީ ވަކިވަކި ފްލައިޓްތަކަކުންނެވެ. އެގޮތުން އެންމެ ފަހުގެ ބައެއް ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުއެވެ.

މިއަހަރު ދިވެހި ހައްޖުވެރިންނަށް ތާރީހީ ލުއިފަސޭހަ ކަމެއް ލިބިގެން ދާނެއެވެ. އެއީ ސައުދީ ސަރުކާރުން ހިންގަމުންދާ "މައްކާ ރޫޓް އިނީޝިއޭޓިވް" ޕްރޮގްރާމުގައި ދިވެހިރާއްޖެ ބައިވެރިވުމާއި ގުޅިގެންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވި 8 ވަނަ ޤައުމަކީ ދިވެހިރާއްޖެއެވެ.

މި ޚާއްޞަ ޕްރޮގްރާމުގެ ދަށުން ދިވެހި ހައްޖުވެރިންނަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ، ދެ ޤައުމުގެ އިމިގްރޭޝަން ކަންތައްތައް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތިބެގެން ނިންމޭނެ ކަމެވެ. މީގެ ސަބަބުން ޖިއްދާ އެއަރޕޯޓުގައި އިމިގްރޭޝަން ހަދަން މަޑުކުރާކަށް ނުޖެހޭނެއެވެ. ހައްޖުވެރިންނަށް އެއަރޕޯޓުން ސީދާ ހޮޓަލަށް ދެވޭނެއެވެ. މީގެ އިތުރުން ހައްޖުވެރިންގެ ބޭގްތައް ވެސް އޮޓޮމެޓިކުން ހޮޓަލަށް ފޮނުވާލެވޭނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މި ޕްރޮގްރާމަކީ 2018 ވަނަ އަހަރު ފެށިގެން ސައުދީ ޢަރަބިއްޔާގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިއީ ސައުދީ ވިޝަން 2030 ގެ ދަށުން ހިންގާ މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމުގައި ދިވެހިރާއްޖެ ބައިވެރިވުމަކީ ދިވެހި ހައްޖުވެރިންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމުގައި އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.