ރާއްޖެއިން ޙައްޖަށް ދާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ފެށިއްޖެއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވޭ މި ސެޝަންތަކަކީ ކޮންމެ އަހަރަކުވެސް ޙައްޖު ކޯޕަރޭޝަނުން އިންތިޒާމުކުރާ ޕްރޮގްރާމެކެވެ.
އަންނަ ހޯމަ ދުވަހު ފުރާ ފުރަތަމަ ގުރޫޕަށް ޚާއްސަކޮށް ބޭއްވުނު ފުރަތަމަ ސެޝަންގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދުއާއި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ޙައްޖުގެ ރުކުންތަކާއި، ޙައްޖަށް ގޮސްއުޅޭއިރު ސަމާލުވާންޖެހޭ ކަންތައްތަކާއި، އިޙްރާމް ބަނދެގެން ހުރެ ސަމާލުކަންދޭންޖެހޭ ކަންކަމުގެ މަޢުލޫމާތު ޙިއްސާކުރެވުނެވެ. ހަމައެއާއެކު ޙައްޖުގެ އަޅުކަމަށް ތައްޔާރުވުމުގައި ސިއްޙީގޮތުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެވުނެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސައުދިއަރަބިއްޔާގައި ޙައްޖުގެ އަޅުކަން އަދާކުރާއިރު އެ ޤައުމުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ޙައްޖުގެ ދަތުރުގައި ކެތްތެރިކަމާއެކު ޢަމަލުކުރުމަށެވެ.
"ޙައްޖުގައި އަޅުގަނޑުމެން ވަރަށް ގިނަ ގޮތްތަކަކުން އިމްތިޙާނުކުރެވޭނެ. ބައެއް ފަހަރު ރުޅިއަންނަ ކަންތައްތައްވެސް ދިމާވެދާނެ. ނަމަވެސް އަޅުގަނޑުމެން އެންމެ މުހިންމު ކަމަކީ ކެތްތެރިކަން އިސްކުރުން،" ޝަކީލް ވިދާޅުވިއެވެ.
އަދި ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި، ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކަށް އެހީތެރިވުމަށް ދާ އެހެން ފަރާތްތަކަށްވެސް އިހުތިރާމްކުރުމަށް ޝަކީލް އިލްތިމާސްކުރެއްވިއެވެ.
މި ސެޝަންތަކުގައި ޙައްޖަށްދާ ހުރިހާ ފަރާތްތަކެއްވެސް ބައިވެރިވުން ލާޒިމުވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެހެން ގުރޫޕުތަކަށް ޚާއްސަކޮށްގެން މިފަދަ ސެޝަންތައް ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ