ދިވެހި ސަރުކާރުން ނަގާފައިވާ ޓްރެޝަރީ ބިލް (ޓީބިލް) އާއި ޓްރެޝަރީ ބޮންޑުތަކަށް އަނބުރާ ދައްކަންޖެހޭ ޖުމްލަ އަދަދު 94.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައި ވާގޮތުން، މި ބޮޑު އަދަދުގެ ތެރެއިން 84.9 ބިލިއަން ރުފިޔާއަކީ ޑޮމެސްޓިކް އިންސްޓްރުމެންޓްސް ކަމުގައިވާ ރާއްޖޭގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކެވެ.
ދަރަނީގެ ތަފްސީލު:
ދިވެހި ރުފިޔާއިން ނަގާފައިވާ ޓީ-ބިލުތަކަށް އެކަނި 38.1 ބިލިއަން ރުފިޔާ އަނބުރާ ދައްކަންޖެހޭއިރު، ރުފިޔާ ބޮންޑްތަކަށް 27 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. މީގެ އިތުރުން އިސްލާމިކް ފައިނޭންސިންގ އިންސްޓްރުމެންޓްސްތަކަށް 3.2 ބިލިއަން ރުފިޔާ އަދާކުރަންޖެހެ އެވެ.
ބޭރުގެ ފަރާތްތަކުން ނަގާފައިވާ ބޮންޑާއި ސުކޫކް ކަމުގައިވާ އެކްސްޓާނަލް އިންސްޓްރުމެންޓްސްތަކަށް 9.2 ބިލިއަން ރުފިޔާ ދައްކަންޖެހޭކަން ވެސް ފާހަގަކުރެވެ އެވެ.
ދަރަނި އަދާކުރަންޖެހޭ މުއްދަތުތައް:
ސަރުކާރުގެ ސެކިއުރިޓީޒްތައް އަނބުރާ ދައްކަންޖެހޭ މުއްދަތުތަކަށް ބަލާއިރު، އެންމެ ކުރު މުއްދަތެއްގައި ދައްކަންޖެހޭ އަދަދަކީ 154 މިލިއަން ރުފިޔާ އެވެ. އެއް މަސް ދުވަހުގެ ތެރޭގައި 2.7 ބިލިއަން ރުފިޔާ އަދާކުރަންޖެހޭއިރު، ތިން މަހުގެ ތެރޭގައި 3.5 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.
ހަ މަސް ދުވަހުގެ ތެރޭގައި 8.5 ބިލިއަން ރުފިޔާ އަދާކުރަންޖެހޭއިރު، އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ޖުމްލަ އަދަދަކީ 32.8 ބިލިއަން ރުފިޔާ އެވެ. އެއަށްފަހު އެއް އަހަރާއި ފަސް އަހަރާ ދެމެދު 8.6 ބިލިއަން ރުފިޔާ، ފަސް އަހަރާއި ދިހަ އަހަރާ ދެމެދު 16.9 ބިލިއަން ރުފިޔާ، އަދި ފަނަރަ އަހަރާއި ވިހި އަހަރާ ދެމެދު 20.6 ބިލިއަން ރުފިޔާ އަދާކުރަންޖެހެ އެވެ.
ޓީ-ބިލް އަކީ ކޮބާ؟
ޓްރެޝަރީ ބިލް ނުވަތަ ޓީ-ބިލް އަކީ ސަރުކާރުން ދޫކުރާ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. މިއީ ޑިސްކައުންޓް އަގެއްގައި ވިއްކައި، މުއްދަތު ހަމަވުމުން ފުލް އަގު އަދާކުރާ ގޮތަށް ސަރުކާރުން ފައިސާ ހޯދުމަށް ބޭނުންކުރާ ވަސީލަތެކެވެ.
މި ސެކިއުރިޓީޒް މައިގަނޑު ގޮތެއްގައި ގަންނަނީ ޕެންޝަން ފަންޑުތަކާއި، ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އަމިއްލަ ވިޔަފާރިތަކުން ވެސް ޓީ-ބިލް ގަތުމުގައި ބައިވެރިވެ އެވެ.
ސަރުކާރުގެ ދަރަނި މިހާ ބޮޑުވެފައިވުމަކީ އިޤްތިޞާދީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި އިޤްތިޞާދީ މާހިރުން ފާހަގަކުރާއިރު، ދަރަނި އަދާކުރުމަށް ސަރުކާރުން ރާވާފައިވާ ސިޔާސަތުތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ލިބެން އޮތްކަން ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓު ފޮނުވާ