ބްރޯޑްކޮމްގެ އައިޓީ އޮފިސަރ އަހުމަދު ފަޒީލު 7 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ (ބްރޯޑްކޮމް) ކޮމްޕިއުޓަރ ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ތެރޭގައި ތަހުގީގުތަކެއް ކުރަމުންދާތީ ކަމަށް ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް ހާމަކުރައްވައިފިއެވެ. ސަފާ މިކަން ހާމަކުރެއްވީ މިމައްސަލައާއި ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.
މި މައްސަލަ ހައްލުކުރުމަށް އެހީ ބޭނުންވުމުން ބްރޯޑްކޮމް އިން ފުލުހުންނަށް އެދިވަޑައިގަތުމުން، ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުންގެ ޓީމެއް އެ ކޮމިޝަނަށް ދިޔަކަން ފުލުހުން ހާމަކޮށްފައި ވެއެވެ. އަދި ކޮމިޝަންގެ ސާވާއާ ގުޅޭ ޓެކްނިކަލް މައްސަލަ ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުނުކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސާވާއާ ގުޅޭ މި މައްސަލަ ބަލާބެލުމުގައި ބައެއް ސުވާލުތައް އުފެދިފައިވާތީ، ފުލުހުންގެ ފަރާތުން އަލަށް ތަހުގީގެއް ފަށައިގަންނަވާފައިވާކަން ރައީސް ޞަފާ ވިދާޅުވެފައި ވެއެވެ. މި ތަހުގީގަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަޒީލު ސަސްޕެންޑްކުރީ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ނަމަވެސް ފަޒީލުގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކުގެ ތަފްސީލް އަދިވެސް ސާފެއްނޫނެވެ.
އޭގެ އިތުރަށް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވެސް 3 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރެއްވުމާ އެކު، ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލާފައި ވެއެވެ.
ޒީނިޔާގެ ސަސްޕެންޝަން ކުރެއްވުމުގެ ކުރިން، ކޮމިޝަންގެ ބައެއް މުވައްޒަފުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފައިވެއެވެ. އެ ޕެޓިޝަންގައި ކޮމިޝަނުގެ ރައީސާއި ބައެއް މެމްބަރުންގެ ފަރާތުން ސެކްރެޓަރީ ޖެނެރަލް އާއި އެހެން ޑިރެކްޓަރުންގެ މަސްއޫލިއްޔަތުތަކަށް ހުރަސް އަޅަމުންދާކަމަށް ބުނެފައިވެއެވެ.
ނަމަވެސް ކޮމިޝަންގެ ރައީސް ޞަފާ ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ