ރާއްޖޭގައި އާންމުކޮށް ފެންނަ ތިން ބާވަތެއްގެ ދޫނީގެ އާބާދީ މަދުވެފައިވާ ކަމަށް މޯލްޑިވްސް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ފާހަގަ ކޮށްފިއެވެ. އެ ތިން ދޫނީގެ ބާވަތަކީ ކަނބިއްޔާ، އައިންމަތި ދޫނި، އަދި ތޭރަވާއެވެ.
އެ ދޫނިތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ދޫނިކަމަށްވާ ކަނބިލީގެ އާބާދީ ވަރަށް ބޮޑަށް މަދުވެފައިވާކަން ރިޕޯޓުން ހާމަވެފައިވެއެވެ. ރާއްޖޭގެ ބައެއް ސަރަހައްދުން މި ދޫނި މިހާރު އެއްގޮތަކަށް ވެސް ނުފެންނަކަން ފާހަގަކޮށްފައިވެއެވެ.
ކަނބިލީގެ އާބާދީ ދަށްވުމަށް މައިގަނޑު ސަބަބުކަމަށް ރިޕޯޓުގައި ބުނެފައިވަނީ ރަށްރަށުގައި ކުރެވޭ ގަސްކެނޑުމާއި، އެ ދޫނި ދިރިއުޅޭ ގުދުރަތީ ގަސްބޯ މާހައުލު ނެތިގެން ދިއުމެވެ. އައިންމަތި ދޫނި ވެސް ކުރިން ރާއްޖޭގައި އާންމުކޮށް ފެންނަ ދޫނީގެ ބާވަތެއް ކަމުގައިވިޔަސް، މިހާރު އެ ދޫނިތަކުގެ އާބާދީވެސް މަދުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. ތޭރަވާ އަކީ ކުރިން ރަށްރަށުން ވަރަށް ގިނައިން ފެންނަ ދޫންޏެއް ކަމުގައިވި ނަމަވެސް، މި ދޫނި މިހާރު ރާއްޖެއިން އެއްކޮށްހެން ގެއްލިފައިވާކަމަށް ރިޕޯޓުގައި ވިދާޅުވެފައިވެއެވެ.
29 ދޫނީގެ މައުލޫމާތު އެއްކޮށްފައިވާ މި ރިޕޯޓުގައި ރަށުތަކުގެ ބޮޑުމިނާއި ގަސްބޯ ސަރަހައްދު އޮންނަ މިންވަރު ބަލާއިރު، ބައެއް ރަށްރަށުގައި ގިނަ ވެގެން 2-3 ދޫނި އުޅެމުންދާ ނަމަވެސް، އަނެއް ބައި ރަށްރަށުގައި 10-20 ދޫނި އުޅޭކަން ފާހަގަވެފައިވެއެވެ.
މި ދޫނިތަކުގެ އާބާދީ މަދުވުމަށް ސަބަބު
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދޫނިތައް ރާއްޖެއިން މަދުވުމަށް އެންމެ މައިގަނޑު ސަބަބަކީ ރަށްތަކަށް ތަރައްގީ އައިސް، އެ ދޫނިތައް ދިރިއުޅޭ މާހައުލު ކުޑަވުމެވެ.
އަދި ތަރައްގީގެ ނަމުގައި ބައިވަރު މަޝްރޫތަކެއް ހިންގައި، ރޭގަނޑުވެސް ރަށްތެރެ ދިއްލައިފައި ހުރުން ވެސް މީގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި ބައެއް ރަށްރަށުން ކަނބިލި އެއްވެސް ވަރަކަށް ނުފެންނަކަމަށް ރިޕޯޓުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ