މުވައްޒަފުން މަޖިލީހަށް ޕެޓިޝަން ހުށަހެޅީ ކަންބޮޑުވުންތައް ކޮމިޝަންގެ މެމްބަރުންނާއި ހިއްސާ ނުކޮށް: ޞަފާ

މުވައްޒަފުން މަޖިލީހަށް ޕެޓިޝަން ހުށަހެޅީ ކަންބޮޑުވުންތައް ކޮމިޝަންގެ މެމްބަރުންނާއި ހިއްސާ ނުކޮށް: ޞަފާ

Author
ހުސައިން
21 މެއި 2025 02:50
0

ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅޭ ކަމަށް ބުނެ، މުވައްޒަފުން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައިވާ ކަންބޮޑުވުންތައް ކޮމިޝަންގެ ލީޑަރޝިޕާއި ހިއްސާކޮށްފައިނުވާކަމަށް ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް މިއަދު ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މެދުވެރިކޮށް ބްރޯޑްކޮމްގެ 18 މުވައްޒަފުން ސޮއިކޮށް މިދިޔަ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި، ކޮމިޝަންގެ ރައީސާއި ބައެއް މެންބަރުން މުވައްޒަފުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއަޅާ ކަމަށް ބުނެފައިވެއެވެ.

އެއާއިއެކު، އިއްޔެ ވަނީ ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭކަމަށް ބުނެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑްކޮށްފައެވެ. މިކަމާ ގުޅިގެން ބައެއް މުވައްޒަފުން މިއަދު ވަނީ މަސައްކަތް ހުއްޓާލުމަށްފަހު ގެއަށް ގޮސްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން، ޞަފާ ޝަފީޤް ވިދާޅުވީ ކޮމިޝަންގެ މެންބަރުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ މުވައްޒަފުންނާ ގާތުން ގުޅިގެން ކަމަށާއި، ނަމަވެސް ޕެޓިޝަންގައި ހިމެނޭ ބޮޑެތި ކަންބޮޑުވުންތައް ކޮމިޝަންގެ މެންބަރުންނާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

ކޮމިއުނިކޭޝަން ދާއިރާއިން މާސްޓަރސް ހާސިލުކޮށްފައިވާ ޞަފާ އިތުރަށް ވިދާޅުވީ އޭނާގެ އޮފީސް ދޮރަކީ އަބަދުވެސް ހުޅުވިފައި ހުންނަ ދޮރެއް ކަމަށާއި ކޮންމެ މުވައްޒަފަކަށްވެސް ފަސޭހައިން ވަދެ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލް ޒީނިޔާ ސަސްޕެންޑްކުރެވުނީ ޕެޓިޝަނާ ގުޅިގެން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން، ޞަފާ ޝަފީޤް ވިދާޅުވީ މިއީ ޕެޓިޝަނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދިނުމާ ގުޅިގެން ޒީނިޔާއަށް ކުރިން ވެސް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޞަފާ ވިދާޅުވީ ޒީނިޔާ ސަސްޕެންޑްކުރި މައްސަލައަކީ ޕެޓިޝަނާ ގުޅުމެއް ނެތް ކަމެއް ކަމަށެވެ.

ޒީނިޔާ ސަސްޕެންޑްކުރަން ކޮމިޝަނުން ނިންމުމުގައި ބުނެފައިވަނީ އޭނާ މުވައްޒަފަކާ މެދު ގަސްތުގައި އަނިޔާވެރިވެ، މަޤާމުގެ ބޭނުން ނުހައްޤު ގޮތުގައި ހިފާފައިވާ ކަމަށާއި، ކޮމިޝަންގެ ރައީސް ޞަފާއާ މެދު އިޙްތިރާމް ކުޑަކޮށްފައިވާ ކަމަށެވެ.

މަޖިލީހަށް ހުށަހެޅުނު ޕެޓިޝަންގައި ބުނެފައިވަނީ ކޮމިޝަންގެ ރައީސާއި ބައެއް މެންބަރުން އިދާރީ ހިންގުމުގެ ކަންކަމަށް ހައްދެއް ހުދޫދެއް ނެތި ހުރަސްއަޅަމުންދާ ކަމަށާއި، އިދާރީ އޮނިގަނޑަށް އިޙްތިރާމްނުކޮށް، ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސްއަޅަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.