ރާއްޖޭގެ އަތޮޅުތަކުގެ 47 ރަށެއްގައި ހައުސިން ޔުނިޓުތައް އިމާރާތްކުރުމަށް ބިޑު ހުށަހެޅުމުގެ މުއްދަތު މިއަދު ފިނޭންސް މިނިސްޓްރީން އިތުރުކޮށްފިއެވެ.
މިނިސްޓްރީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޑިޒައިން އެންޑް ބިލްޑް އުސޫލުން، ރާއްޖޭގެ 57 ރަށެއްގައި ހައުސިން ޔުނިޓު އިމާރާތްކުރުމަށް ފަސް އިޢުލާނެއް ކުރިކަމަށެވެ. އޭގެތެރެއިން 47 ރަށެއްގައި ގެދޮރު އެޅުމަށް ކުރި ހަތަރު އިޢުލާނުގެ ބިޑު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
ބަދަލުތައް ގެނެސްފައިވަނީ ރަޖިސްޓްރޭޝަން ފީ ބަލައިގަންނަ މުއްދަތަށާއި ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތަށެވެ. މިހާރު ބަދަލުކޮށްފައިވާ މުއްދަތުތަކަކީ:
- 15 ރަށުގެ ޕްރޮޖެކްޓު: ރަޖިސްޓްރޭޝަން ފީ ބަލައިގަތުން މެއި 29 އަށް އިތުރުކޮށް، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުން ޖޫން 1 އަށް ފަސްކޮށްފައިވޭ
- 10 ރަށުގެ ޕްރޮޖެކްޓު: ރަޖިސްޓްރޭޝަން ފީ ބަލައިގަތުން މެއި 28 އަށް އިތުރުކޮށް، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުން ޖޫން 2 އަށް ފަސްކޮށްފައިވޭ
- 8 ރަށުގެ ޕްރޮޖެކްޓު: ރަޖިސްޓްރޭޝަން ފީ ބަލައިގަތުން މެއި 29 އަށް އިތުރުކޮށް، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުން ޖޫން 3 އަށް ފަސްކޮށްފައިވޭ
- 14 ރަށުގެ ޕްރޮޖެކްޓު: ރަޖިސްޓްރޭޝަން ފީ ބަލައިގަތުން މެއި 26 އަށް އިތުރުކޮށް، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުން މެއި 29 އަށް ފަސްކޮށްފައިވޭ
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތައް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތައް ހޯދުމަށް އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުން ބިޑު ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓުގައި، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރާނެ މިންގަނޑުތައް ބަޔާންކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް 1,500 ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި، އެ ފައިސާ ދައްކަންޖެހޭނީ "ބަނޑޭރި ޕޭ" އޮންލައިން ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މިނިސްޓްރީން ބުނީ ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލްގައި ރަޖިސްޓަރީ ވާންޖެހޭނެ ކަމަށެވެ. އަދި ބީލަމާ ގުޅޭ ހުރިހާ ފޯމެއް ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އެހެން ޕްލެޓްފޯމެއް މެދުވެރިކޮށް ހުށަހަޅާ ބިޑުތައް ބަލައިނުގަންނާނެ ކަމަށެވެ. ބީލަން ހުށަހެޅުމާ ގުޅޭ ގައިޑް ބީލަން ޕޯޓަލުން ލިބެންހުންނާނެ ކަމަށާއި، ބީލަމާ ގުޅޭ އެންމެހައި ކަންކަން ގައިޑްގައި ބަޔާންކޮށްފައިވާ ގޮތަށް ކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓު ފޮނުވާ