ހދ. ކުޅުދުއްފުށީގައި ހިންގަމުންދާ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްޤީކޮށް، ޚިދުމަތްތައް ފުޅާކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ރިޝްވާނެވެ.
"ރާއްޖޭގެ އުތުރުން ދެކުނަށް ޝެޑިއުލްކުރެވިގެން އަތޮޅުތެރެއަށް މުދާ އުފުލޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް މިއަދު އެޅިފައިމިވަނީ ވަރަށް މުހިންމު ފިޔަވަޅެކެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިން ހަރުދަނާކޮށް، މުދާ ގެނައުމުގައި ހިނގާ ޚަރަދުތައް ކުޑަކުރުން" ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ބަނދަރު ތަރައްޤީކުރެވިގެންދާނީ ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ ހަތަރު އަތޮޅުގެ ރަށްތަކަށް ޚާއްޞަކޮށްގެން ހިންގޭ ލޮޖިސްޓިކަލް ހަބެއްގެ ގޮތުގައެވެ. މިކަމުން އުތުރުގެ ރަށްތަކަށް މުދާ ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން އުންމީދުކުރެއެވެ.
ގިނަ ފިޔަވައްސަށް ބަހާލެވިގެން ކުރިއަށްގެންދެވޭ މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ޖާގަ ބޮޑުކުރެވި، ޒަމާނީ ކާގޯ ހޭންޑްލިންގ ސިސްޓަމްތައް ޤާއިމުކުރެވޭނެއެވެ. އަދި ޕެރިޝަބަލް މުދާ ތާޒާކަމާއެކު ރައްކާތެރިކޮށް ބެހެއްޓޭނެ ޚާއްޞަ ވަސީލަތްތައްވެސް މި މަޝްރޫޢުގެ ދަށުން ބަނދަރުގައި ޤާއިމުކުރެވޭނެއެވެ.
ކުޅުދުއްފުށީ ސަރަހައްދީ ވިޔަފާރި ބަނދަރަކީ 2005 ވަނަ އަހަރުގެ ޑިސެމްބަރ 5 އިން ފެށިގެން އެމްޕީއެލްގެ ފަރާތުން އޮޕަރޭޓްކުރަމުން އަންނަ ބަނދަރެކެވެ. މިއަދު ވެވުނު އެއްބަސްވުމާއެކު، މި ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ އުތުރު ސަރަހައްދަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ