ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން އޭއައި އާއި މީޑިއާގެ ކުރިމަގު މައުޟޫއަށް ޕެނަލް ޑިސްކަޝަނެއް ބާއްވަނީ

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން އޭއައި އާއި މީޑިއާގެ ކުރިމަގު މައުޟޫއަށް ޕެނަލް ޑިސްކަޝަނެއް ބާއްވަނީ

Author
ހުސައިން
19 މެއި 2025 12:15
0

މާލެ، (19 މެއި 2025) – ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ގުޅިގެން މާދަމާ (20 މެއި) ޚާއްޞަ ޕެނަލް މަޝްވަރާއެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އޭއައި ޓެކްނޮލޮޖީއާއި ނޫސްވެރިކަމުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ބާއްވާ މި މަޝްވަރާގައި ތިން މައުޟޫއަކަށް ވާހަކަދެއްކުމަށް ތިން ޕެނަލެއް އެކުލަވާލެވިފައިވެއެވެ. މި ބައްދަލުވުން އޮންނާނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހޯލުގައި މާދަމާ މެންދުރުފަހު 2:00 އިން 4:30 އަށެވެ.

ފުރަތަމަ ޕެނަލްގައި "އާޓިފިޝަލް އިންޓެލިޖެންސްއާއި ނޫސްވެރިކަން: ގޮންޖެހުންތަކާއި ބެލެންސް ހޯދުން" މައުޟޫއަށް މަޝްވަރާކުރެވޭނެއެވެ. މި ޕެނަލްގައި ޖަވާބު އެކަޑަމީގެ ސީއީއޯ މުޙައްމަދު ޖައިލަމް، މީޑިއާ ކައުންސިލްގެ މެންބަރު ފާތިމަތު ނަހުދާ ފާއިޒު، ދައުރު ނޫހުގެ އެޑިޓަރު އަޙުމަދު ނާއިފް، ނުކުތާގެ ސީއީއޯ އާލިމް އަބްދުއްލަތީފް އަދި ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ ޑރ. އަހުމަދު ޒަކީ ނާފިޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދެވަނަ ޕެނަލްގައި "އޮޓޮމޭޓެޑް ކޮންޓެންޓް ޖެނެރޭޝަން: ފުރުޞަތުތަކާއި ހުރި ނުރައްކާތައް" މައުޟޫއަށް މަޝްވަރާކުރެވޭނެއެވެ. މި ޕެނަލްގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ކޮމިޝަނަރު އާމިނަތު ނުޒުހާ، މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ނަޒީފް، މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ސްޓްރެޓިޖިސްޓް ހަސަން ޒިޔާއު، މާއްދާ ހަތަރެއްގެ އެޑިޓަރު އަލީ ސުލައިމާން އަދި ސައިންޓެކްސްގެ ސީއީއޯ އިސްމާއީލް ކަލީމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ތިންވަނަ ޕެނަލްގައި "ޑިޖިޓަލް މީޑިއާގައި އޭއައި ބޭނުންކުރުން: އަޚްލާޤީ މިންގަނޑުތަކާއި ޤާނޫނީ ނަތީޖާ އަދި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން" މައުޟޫއަށް މަޝްވަރާކުރެވޭނެއެވެ. މި ޕެނަލްގައި މީޑިއާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް މުޙައްމަދު، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޝައްމާން، ނިއުސްރޫމްގެ އެޑިޓަރު ޢަލީ ނިޝާން، ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤު އަދި ވިމެން އިން ޓެކްގެ ރައީސް ނަހްޒާ އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި މުހިންމު މަޝްވަރާގައި ބައިވެރިވުމަށް މީޑިއާތަކަށް ހުޅުވާލައިފައިވާކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. ނޫސްވެރިކަމަށް އޭއައި ގެނެސްދޭ އާ ފުރުޞަތުތަކާއި އެކު ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، މި ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށް މަގުފަހިކުރުމަކީ މި ބައްދަލުވުމުގެ މައިގަނޑު އަމާޒުކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.