ދަރަނި ބެލެހެއްޓުމަށް ޚާއްޞަ ކޮންސަލްޓެންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފި

ދަރަނި ބެލެހެއްޓުމަށް ޚާއްޞަ ކޮންސަލްޓެންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފި

Author
ހުސައިން
17 މެއި 2025 01:10
0

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަރުދަނާކޮށް، ދަރަނި އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމަށްޓަކައި "ޑެޓް ސްޓްރެޓަޖީ އެންޑް ރިސްކް މެނޭޖްމަންޓް ކޮންސަލްޓެންޓް" ގެ މަޤާމަށް ޚާއްޞަ ފަންނުވެރިއެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.

މި މަޤާމަކީ ދަރަނި މެނޭޖްކުރުމުގެ އިތުރުން، ދަރަންޏާ ގުޅޭ ޤާނޫނީ އަދި އިދާރީ އޮނިގަނޑުތައް ހަރުދަނާކުރުމަށާއި، ދަރަނީގެ މުޢާމަލާތްތައް ޞައްޙަކޮށް ހިންގުމާއި، ސެޓްލްމަންޓާއި ރެކޯޑްކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް ކޮންމެހެން ބޭނުންވާ މަޤާމެއްކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަން އެ މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވެއެވެ.

އިޤްތިޞާދީ މާހިރުންގެ ބަހުން، ރާއްޖެއިން ނަގާފައިވާ ބޭރު ދަރަނީގެ ބޮޑު ޢަދަދެއް ދައްކަންޖެހެނީ މި އަހަރާއި އަންނަ އަހަރުގައެވެ. ޚާއްޞަކޮށް އަންނަ އަހަރު އެކަނި 500 މިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭކަން ފާހަގަކޮށްފައިވެއެވެ.

އިޤްތިޞާދީ ހާލަތު ހަރުދަނާކުރުމަށް ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުން ބޭރު ފައިސާގެ ރިޒާވް ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވީނަމަވެސް، އިޤްތިޞާދުގެ ކުރިއެރުން މާބޮޑަށް ނައިސް، ތަކެތީގެ އަގު އުފުލުމާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަދިވެސް އެޅިފައިނުވާކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކުން ފާޅުކުރަމުންދެއެވެ.

ދަރަނިތައް ހަރުދަނާކޮށް މެނޭޖްކުރެވިއްޖެނަމަ، ދައުލަތުގެ ޚަރަދުތަކާއި ތަރައްޤީގެ މަޝްރޫޢުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.