ރ. އަތޮޅު ދެކުނު ބިތުގައި ޑޮމެސްޓިކް އެއާޕޯޓެއް ޤާއިމްކުރަން ރަށެއް ކަނޑައެޅުމުގެ ނިންމުން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމަށް ރ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވުނު ރ. އަތޮޅު ކައުންސިލްގެ ޖަލްސާގައި، ކިނޮޅަހު ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ހުށަހެޅުއްވި ހުށަހެޅުމަކަށް އަޣުލަބިއްޔަތު ލިބުނެވެ. މި ހުށަހެޅުމުގެ މައިގަނޑު އަމާޒަކީ އެއާޕޯޓް އަޅާނެ ރަށެއް ނިންމުމުގައި އަތޮޅުގެ އެންމެހާ ރައްޔިތުންގެ ބައިވެރިވުން ހޯދުމެވެ.
"އަތޮޅުގެ ތަރައްޤީއަށް މިފަދަ މުހިންމު މަޝްރޫޢެއް ހިންގާއިރު އެކަމުގެ ނިންމުން ރައްޔިތުންގެ އަތްމަތީގައި އޮތުމަކީ މުހިންމު ކަމެއް" ކަމަށް އަޙްމަދު ޙުސައިން ވިދާޅުވިއެވެ.
އަޙްމަދު ޙުސައިން ހުށަހެޅުއްވިގޮތުގައި، މާލޭގައި އެއް ވޯޓު ފޮށި އަދި އަތޮޅުގެ ކޮންމެ ރަށެއްގައި އެއް ވޯޓު ފޮށި ބަހައްޓައިގެން، އެންމެ ދުވަހެއްގެ ތެރޭގައި މި ވޯޓުލުން ބާއްވަން ފެނެއެވެ. 13 ކައުންސިލަރުންގެ ތެރެއިން 9 ކައުންސިލަރުން މި ހުށަހެޅުމަށް ތާއީދުކުރިއެވެ. އެހެންނަމަވެސް، މި ވޯޓު ނަގާނެ ދުވަހެއް އަދި ވަނީ ކަނޑައަޅާފައެއް ނުވެއެވެ.
ކައުންސިލްގެ މި ނިންމުމާ ޚިލާފަށް، ސަރުކާރުން ވަނީ ރ. އަތޮޅު ދެކުނު ބިތުގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅާނީ ރ. ފައިނުގައި ކަމަށް ކުރިން ނިންމައި، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫޢުގެ ޚަރަދު ކުރާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. މިއީ އެމްއޭސީއެލްގެ ޚަރަދުގައި ރާއްޖޭގައި އަޅާ ދެވަނަ އެއާޕޯޓެވެ. އެ ކުންފުނީގެ ފަރާތުން އެންމެ ފުރަތަމަ އެޅި އެއާޕޯޓަކީ ތ. ތިމަރަފުށީ އެއާޕޯޓެވެ.
ކޮމެންޓު ފޮނުވާ