ބަންކަރިންގ ޚިދުމަތުން 7 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ

ބަންކަރިންގ ޚިދުމަތުން 7 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ

Author
ހުސައިން
15 މެއި 2025 12:19
0

ރާއްޖޭގައި ފެށި ބަންކަރިންގ ޚިދުމަތުން މިހާތަނަށް 7.4 މިލިއަން ޑޮލަރު (114 މިލިއަން ރުފިޔާ) ގެ އާމްދަނީ ދައުލަތަށް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފެށުނު މި ޚިދުމަތުން ލިބުނު އާމްދަނީގެ 95 ޕަސެންޓަކީ ވެރީ ލޯ ސަލްފާ ފިއުލް އޮއިލް (ވީއެލްއެސްއެފްއޯ) ބަންކަރުކޮށްގެން ލިބުނު ފައިސާކަމަށެވެ.

ސަޢީދު އިތުރަށް ވިދާޅުވީ ގިނަ ފަރާތްތަކުން ބަންކަރިންގ ޚިދުމަތާ ބެހޭގޮތުން ސުވާލުކުރާ ކަމަށާއި، އެކަމުން އެނގެނީ މި ޚިދުމަތަށް އޮތް ޝައުޤުވެރިކަމެވެ. "ކޮންމެ ދުވަހަކު ވެސް އަޅުގަނޑު ބަލައިލަން މިއަދު ބަންކަރިންގއިން ލިބުނީ ކިހާވަރެއްތޯ" ސަޢީދު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅު ޒޯންގައި ކުރިއަށްގެންދާ އޮފްޝޯ ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބޯޓުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ ސީދާ އެސްޓީއޯއިން ކަމަށާއި، މި ޚިދުމަތް ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ ގުޅިގެންނެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރުމަހު ފެށި މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ދެ ބޯޓެވެ. އެއީ 3,258 ޓަނުގެ "އެމްޓީ މެރިން އޭންޖަލް" އާއި 3,929 ޓަނުގެ "އެމްޓީ މެރިން ބެލާ" އެވެ. މި ދެ ބޯޓުވެސް ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.