ސަރުކާރުގެ ޚަރަދުގައި 15 ރަށެއްގައި ހައުސިންގ ޔުނިޓް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1,535 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދާނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އަދި ޝަރުތު ހަމަވާ ފަރާތްތައް ހޯދުމަށް އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހައުސިންގ ޔުނިޓްތައް އިމާރާތްކުރެވޭ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ހުޅުދޫ، މަރަދޫ، މަރަދޫފޭދޫ އަދި މީދޫގައި ކޮންމެ ރަށެއްގައި 100 ޔުނިޓް ހިމެނެއެވެ. އަދި ހއ. އިހަވަންދޫގައި 200 ޔުނިޓް، ހދ. ނެއްލައިދޫގައި 60 ޔުނިޓް، ހދ. މަކުނުދޫގައި 100 ޔުނިޓް، ނ. ކެނދިކުޅުދޫގައި 100 ޔުނިޓް، ރ. މަޑުއްވަރީގައި 100 ޔުނިޓް، ރ. އިނގުރައިދޫގައި 100 ޔުނިޓް، ބ. ތުޅާދޫގައި 100 ޔުނިޓް، ޅ. ހިންނަވަރުގައި 100 ޔުނިޓް، މ. ދިއްގަރުގައި 75 ޔުނިޓް، ތ. ވިލުފުށީގައި 100 ޔުނިޓް އަދި ގދ. ގައްދޫގައި 100 ޔުނިޓް އިމާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ. މި މަސައްކަތުގެ ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް 1,500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ބަނޑޭރި ޕޭ މެދުވެރިކޮށެވެ.