ނ. ދިގުރަށުގައި ހިންގާ ސިޔާމް ވޯލްޑް ކައިރީގައި ރޭ 10:00 ހާއިރު ލަނޑާ ނަގަން މޫދަށް ފައިބައިގެން އުޅުނު 35 އަހަރުގެ ބަންގްލަދޭޝް މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި ބަންގްލަދޭޝް މީހާގެ އަތް ބުރިވެ އަދި އެހެނިހެން ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ. އަނިޔާވި މީހާއަކީ ރ. މަޑުއްވަރީ ދޯންޏެއްގައި ލަނޑާ ނެގުމުގެ މަސައްކަތުގައި އުޅުނު މުވައްޒަފެކެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ނ. އަތޮޅު ހޮސްޕިޓަލުގައެވެ. އޭގެފަހުން އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
މި ހާދިސާ ހިނގި ގޮތާމެދު ދޯނީގެ ކެޕްޓަން މަޢުލޫމާތު ދެމުން ބުނީ، ފީނަން މީހުން ފައިބައިގެން ތިބި ލޯންޗަށް އިޝާރާތް ކުރިކަމަށެވެ. މޫދުގައި މީހަކު އޮތުމުން އެކަން އަންގަން ފީނަށް ދިޔަ ޑިންގީގެ ނެވިގޭޝަން ލައިޓް ދިއްލައިގެން ނެރު މެދަށް ޖެހުނުކަމަށް ކެޕްޓަން ވަނީ ބުނެފައެވެ. އަދި ގެންގުޅުނު ބައްތިތަކުން ލޯންޗަށް އަލިކުރިކަމަށާއި، މޫދުގައި އޮތް މީހާވެސް އޭނާ ގެންގުޅުނު ބައްތިން ލޯންޗަށް އަލިކުރިކަމަށް ކެޕްޓަން މަޢުލޫމާތު ދިނެވެ. އެހެންނަމަވެސް ލޯންޗު މަޑުކުރުމެއްނެތި ޑިންގީ ކަޓުވާލާފައި މޫދުގައި އޮތް މީހާގެ ގައިމަތިން ދިޔައީކަމަށް ކެޕްޓަން ވަނީ ކިޔައިދީފައެވެ.
މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ފުލުހުންގެ ފަރާތުން އެއްވެސް ބަޔާނެއް ނެރެފައި ނުވެއެވެ.