އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދިނުމަށް ނިންމައި، އެކަން އިޢުލާން ކޮށްފިއެވެ. މިއީ ރާއްޖޭގެ އަތޮޅުތަކުގައި ޚުޠުބާ ކިޔުމުގެ ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، ކައުންސިލަރުންގެ ތެރެއިން މިކަމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޚަޠީބުކަމުގެ 3 މަސްދުވަހުގެ ޚާއްޞަ ކޯހެއް ޤުރުއާން މަރުކަޒު މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކޯހުގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.
"ކޯހުގައި ޚަޠީބުކަމަށް މުހިންމު ދާއިރާތަކުން ކިޔަވައިދެވޭނެ. މީގެ ތެރޭގައި ފިޤުހު، ޤުރުއާން، ޢަޤީދާ އަދި ޙަދީޘް ހިމެނޭ. ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ،" ވަޒީރު ވިދާޅުވިއެވެ.
ޤުރުއާނުގެ މާއްދާ ކިޔަވައިދެވޭނީ ކައުންސިލަރުން މާލެ އައިސްގެން ނުވަތަ އަތޮޅުތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން ކަމަށްވެސް ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރަށް 1 ޖޫން 2025 ގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ޚަޠީބުން މަދުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިހާތަނަށް ކުރަމުންގެންދާ އެންމެ ބޮޑު އެއް މަސައްކަތަކީ "ޒުވާން ޚަޠީބުން ޕްރޮގްރާމް" އެވެ. މި ޕްރޮގްރާމްގެ ދެ ބުރެއް މިހާތަނަށް ނިމިފައިވާއިރު، 270 އަށްވުރެ ގިނަ ޚަޠީބުން ސަނަދު ޙާޞިލްކޮށްފައިވެއެވެ. ތިންވަނަ ބުރަށް ހުޅުވާލި ފުރުޞަތުގައި 338 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.
ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދަދިނުމަކީ އަތޮޅުތަކުގައި ޚުޠުބާ ކިޔުމުގެ ދަތިތަކަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ