މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ (ބްރޯޑްކޮމް) މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ހަ ނަމެއް ހުށަހަޅުއްވައިފިއެވެ. މި ނަންތައް ހުށަހެޅުއްވީ ބްރޯޑްކޮމްގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު 2025 ޖޫން 14 ގެ ނިޔަލަށް ހަމަވާތީއެވެ.
ރައީސް މުއިއްޒު ހުށަހަޅުއްވާފައިވާ ނަންތައް ވަނީ އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ބަހައްޓަވާފައެވެ. މި ލިސްޓުގައި އެންމެ އިސްކޮށް ހިމެނިފައިވަނީ ގދ. ތިނަދޫ، މަލަ، ޒަމްއަތު އަޙްމަދު ވަޙީދެވެ. ޒަމްއަތަކީ މިހާރު އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަޤާމު ފުރުއްވަމުންދާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގައި ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާ، ބައެއް އަމިއްލަ މީޑިއާތަކުގައިވެސް ޚިދުމަތްކުރައްވާފައެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައިވެއެވެ.
ލިސްޓުގައި ދެވަނައަށް ހިމެނިފައިވަނީ ވ. މަށަވެލި، އިބްރާހީމް އަޝްރަފެވެ. ތިންވަނައަށް ހިމެނެނީ މ. ހާވިލާ، މޫސާ ރިޟްވާނެވެ. ހަތަރުވަނައަށް ހިމެނެނީ ގދ. ގައްދޫ، އަތިރިގޭ، ޒީނާ ޒާހިރެވެ. ޒީނާއަކީ މި ސަރުކާރުގައި ފުރަތަމަ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ބޭފުޅާއެވެ. ފަސްވަނައަށް ހިމެނެނީ ޅ. ހިންނަވަރު، ބާރަނާ، އަލީ ޔޫސުފެވެ. އަދި ހަވަނައަށް ހިމެނެނީ ސ. ހިތަދޫ، އާސްޓްރަލްގެ، ޝިމްލާ އަޙްމަދެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މި ނަންތައް އިއްވުމަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން މި ބޭފުޅުން އިންޓަވިއުކުރުމަށްފަހު، ޝަރުޠު ހަމަވާ އަދި ޤާބިލު މީހެއްކަމަށް ކަނޑައަޅާ ބޭފުޅަކަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓު ނެގޭނެއެވެ.
މިވަގުތު ބްރޯޑްކޮމްގައި ތިއްބެވީ ހަ މެންބަރުންނެވެ. އެއީ، އާމިނަތު އަމީނާ، ޝިފްލާ އިބްރާހީމް، ސޮފާ ޝަފީޤު، މުޙައްމަދު ޢަބްދުﷲ، އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު ޢިއްޒަތެވެ. ކޮމިޝަނުގެ ރައީސަކީ ސޮފާ ޝަފީޤެވެ. ނައިބު ރައީސަކަށް މިހާރު ހުންނެވީ ޝިފްލާ އިބްރާހީމެވެ. ޝިފްލާ އެ މަޤާމަށް އައްޔަންކުރެވިފައިވަނީ ކުރިން ނައިބު ރައީސްކަމުގައި ހުންނެވި މުޙައްމަދު ފަޒީން 2025 މާރިޗް 17 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ