އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް މުހިންމު މާލީ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދިވެހި ސަރުކާރުން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު، މިއަދު 12 މެއި 2025 އިން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދީފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ދެއްވި މަޢުލޫމާތުގައި، މި އެހީތެރިކަމަކީ ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި "މި ދީލަތި އެހީއިން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން ހާމަކޮށްދޭ" ކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ދިވެހި ސަރުކާރުން ކުރަމުން އަންނަ ފިސްކަލް ރިފޯމްގެ މަސައްކަތްތަކަށް މި އެހީތެރިކަމުގެ ސަބަބުން ލުޔެއް ލިބިގެންދާނެކަން ދިވެހި ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް ދިވެހި ސަރުކާރުން އުންމީދުކުރާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ