ދުންފަތް ޖީލަކަށް މަނާކުރުމުގެ ގާނޫނީ އިސްލާހު ވަގުތީ ކޮމިޓީން ފާސްކޮށްފި

ދުންފަތް ޖީލަކަށް މަނާކުރުމުގެ ގާނޫނީ އިސްލާހު ވަގުތީ ކޮމިޓީން ފާސްކޮށްފި

Author
ހުސައިން
11 މެއި 2025 03:20
0

ޖީލަކަށް ދުންފަތް މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، އެ ބިލު ދިރާސާކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވި އިސްލާހުތަކާއެކު މުޅި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލުގެ މަސައްކަތް ނިމުމާއެކު ކޮމިޓީގެ މަސައްކަތްވެސް ނިމުމަކަށް އައިސްފައިވާއިރު، މާދަމާގެ ޖަލްސާގައި މި ބިލު ތަޅުމަށް ފޮނުވައި ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.

މި އިސްލާހުގައި ބުނެފައިވަނީ 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި، އެއިން މީހަކަށް އެއްވެސް ފަރާތަކުން ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ. މީގެއިތުރުން، ދުންފަތުގެ ބާވަތެއް ގަންނަނީ ކާކުކަން ނޭނގޭފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ އޮންލައިންކޮށްނާއި ޕޯސްޓް މެދުވެރިކޮށް ވެސް ވިއްކައިގެން ނުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އިސްލާހުގައި އަދި ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރުވެފައިވާ އަދި 2007 ޖެނުއަރީ 1 ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް ކަސްޓަމްސްގެ އިސްވެރިންނާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ހެލްތު މިނިސްޓްރީ އަދި ފުލުހުންގެ ޚިޔާލު ވެސް ކޮމިޓީން ވަނީ ހޯދާފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ގެންނަ "ޖެނެރޭޝަން ބޭން" މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ތަންފީޒުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

މި ވަގުތީ ކޮމިޓީގައި ހިމެނެނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް، ކާށިދޫ ދާއިރާގެ މެންބަރު މުހައްމަދު މުންތަޒިމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު، ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.