ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަންލޭންޑު ނަޒީރު އަވަހާރަވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަންލޭންޑު ނަޒީރު އަވަހާރަވެއްޖެ

Author
ހުސައިން
11 މެއި 2025 09:43
0

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ނަން މަޝްހޫރު ވިޔަފާރިވެރިޔެއް ކަމަށްވާ ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) ރޭ އަވަހާރަވެއްޖެއެވެ. ނަޒީރު އަވަހާރަވެފައިވަނީ އިނގިރޭސިވިލާތުގައި އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދެވުމަށްފަހު، ގިނަ ދުވަސްތަކެއް ވަންދެން ބަލިހާލުގައި އޮންނެވުމަށްފަހުގައެވެ.

ނަޒީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެކްސް މެދުވެރިކޮށް ތައުޒިޔާ ފާޅުކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ "އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ހިދުމަތްތަކެއް ގައުމަށް ކުރައްވާފައިވާ، މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވުމުގެ ހިތާމައިގާ މަރުހޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން" ކަމަށެވެ.

މުހައްމަދު ނަޒީރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއްގެ އިތުރުން، ސިޔާސީ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. ސަންލޭންޑު ޓްރެވެލްސްގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ނަޒީރަކީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރުވެސް މެއެވެ.

އައްޑޫ ހުޅުދޫއަށް އުފަން މުހައްމަދު ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސުނުއްސުއޫދުގެ އަނބިކަނބަލުންގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވި މި ވިޔަފާރިވެރިޔާގެ ނިޔާވުމުން ގިނަ ރައްޔިތުން ވަނީ ހިތާމަ ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.