ކުޑަކުދިންގެ ދުވަހާ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ހަވީރަށް ރައީސް ޒިޔާރަތްކުރައްވައިފި

ކުޑަކުދިންގެ ދުވަހާ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ހަވީރަށް ރައީސް ޒިޔާރަތްކުރައްވައިފި

Author
ހުސައިން
10 މެއި 2025 09:16
0

ތަޢުލީމީ ވުޒާރާއިން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވި ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވުނު ކުޑަކުދިންގެ ހަވީރަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ހަވީރު އޮތް ސަރަހައްދަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ، ތަޢުލީމީ ވުޒާރާގެ އިސްވެރިންނާއި ސްކޫލްތަކުގެ އިސްވެރިންނެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންގެ ފަރާތުން ރައީސަށް ޚާއްޞަ ހަދިޔާއެއްވެސް އަރުވާފައިވެއެވެ.

ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން އެތަނުގައި ޤާއިމުކޮށްފައިވާ ސްޓޯލްތައް ބައްލަވައިލެއްވިއެވެ. އަދި ހަމައެއާއެކު ދަރިވަރުން ހުށަހެޅި ސްޓޭޖް ހަރަކާތްތައްވެސް ރައީސްގެ ދެކަނބަލުން ޝައުޤުވެރިކަމާއެކު ބައްލަވައިލެއްވިއެވެ. މީގެއިތުރުން، ހަވީރުގައި ބައިވެރިވި ބައެއް ކުދިންނާއި އެކުދިންގެ ޢާއިލާތަކާވެސް ރައީސްގެ ދެކަނބަލުން ބައްދަލުކުރެއްވިއެވެ.

ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުރިހާ ސްކޫލަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިގެން މި އަހަރުގެ ކުޑަކުދިންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދުވަހުގެ ހަރަކާތްތަކުގައި ކުދިންނާއެކު އެކުދިންގެ ޢާއިލާތަކަށްވެސް ބައިވެރިވެވޭނެ މާޙައުލެއް ޤާއިމުކުރުމެވެ. މި ހަވީރު އިންތިޒާމުކޮށްފައިވަނީ ކުޑަކުދިންނަށް ޝައުޤުވެރިވާނެ ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާއެކުގައެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހަކީ ކުޑަކުދިންގެ ދުވަސްކަމުގައި ފާހަގަކޮށް އައިސްފައިވާއިރު، މިއަހަރަކީ ޤައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރާ ފުރަތަމަ އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.