ރާއްޖޭގެ ކުޑަކުދިންގެ ދުވަސް މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރެވެމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ކުޑަކުދިންނަށް ޚާއްޞަ ނަސޭހަތްތަކެއް ދެއްވައިފައެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައި ރައީސް މުޢިއްޒު ވަނީ ކުޑަކުދިންގެ އުމުރުގެ އަގުހުރިކަމާއި، ދީނީ އަދި ޤައުމީ ވާޖިބުތައް އަދާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އެމަނިކުފާނުގެ ނަސޭހަތުގައި، ކުޑަކުދިން ކޮންމެ ދުވަހަކުވެސް އާ އެއްޗެއް ދަސްކުރުމަށާއި، ކުރިއެރުން ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލައްވައިފައިވެއެވެ.
"ތިޔަ ކުދިންގެ މަންމަ ދެކެ ވާ ލޯބި، ތިޔަ ކުދިންގެ މި ޤައުމު ދެކެވެސް ވާށެވެ،" މިހެން ވިދާޅުވަމުން ރައީސް މުޢިއްޒު ކުޑަކުދިންނަށް އިލްތިމާސްކުރެއްވީ ފަރުޟު ފަސްނަމާދު އަދާކުރުމަށާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމަށެވެ. މީގެއިތުރުން ރައީސް ވަނީ ކުޑަކުދިން ވަގުތު ބޭކާރު ނުކުރުމަށާއި، ޞިއްޙީ އާދަތަކުގައި ހިފުމަށާއި، ބަސްއަހާ ކިޔަމަންތެރި ކުދިންގެ ގޮތުގައި ދެމިތިބުމަށްވެސް އިރުޝާދު ދެއްވައިފައެވެ.
ޚިޠާބުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންނަކީ "އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަމެވެ. ހިތްތަކުގެ ހަމަޖެހުމެވެ. ޤައުމުގެ ދެމިއޮތުމެވެ." އަދި ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަންކަމުގައި ވިދާޅުވިއެވެ.
ކޮންމެ ނޭދެވޭ ކަމަކުން ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިން ދުރުހެލިކުރުމަށް މިއަދު އަޒުމު ކަނޑައަޅަންޖެހޭކަން ވެސް ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވައިފައިވެއެވެ. ރައީސް ވިދާޅުވިގޮތުގައި ކުދިންނަކީ ޤައުމުގެ މުސްތަޤުބަލްކަމަށާއި، އެ ކުދިން ހަރުދަނާ ޖީލެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ޤައުމީ ވާޖިބެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ